Ads by Farudhun

ޚަބަރު

ޢިލްމީ މުޖުތަމަޢެއް ބިނާކުރުމުގައި ކުތުބުޚާނާތަކުގެ ދައުރު ބޮޑު: ވަޒީރު ހީނާ

ޢިލްމީ މުޖުތަމަޢެއް ބިނާކުރުމުގައި ކުތުބުޚާނާތަކުގެ ދައުރު ބޮޑު: ވަޒީރު ހީނާ

ވަޒީރު ހީނާ ވަލީދު. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 ޖުލައި 2026، 12:22

12 ޖުލައި 2026، 12:22

ޢިލްމީ މުޖުތަމަޢެއް ބިނާކުރުމުގައި ކުތުބުޚާނާތަކުގެ ދައުރު ބޮޑުކަން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ފާހަގަކުރައްވައިފިއެވެ.

ޤައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ކުތުބުޚާނާތަކަކީ ޢިލްމާއި ޙިލްމު ލިބިފައިވާ މުޖުތަމަޢެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކެއް ކަމަށެވެ. 

އަދި އޭގެ އިތުރުން ވަޒީރު ވިދާޅުވީ، ކުތުބުޚާނާތަކަކީ ދިރިއުޅުމުގައި ބޭނުންވާ ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުދައްކައިދޭ އާރުކާޓީއެއް ކަމަށެވެ.

"ދައުލަތުގެ ކުތުބުޚާނާ" ގެ ނަމުގައި، ދިވެހި ރާއްޖެއަށް ރަސްމީ ހައިސިއްޔަތެއްގައި ކުތުބުޚާނާއެއް ވުޖޫދަށްގެންނެވީ 1945 ވަނަ އަހަރު،  ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނެވެ. މި ކުތުބުޚާނާ ހުޅުއްވައިދެއްވީ އެ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިން، އޭރުގެ ޗީފް އޮފް ޖަސްޓިސް ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނެވެ.



އޭގެ ތިން އަހަރު ފަހުން 1948 ވަނަ އަހަރު، މި ކުތުބުޚާނާގެ ނަން "މަޖީދީ ކުތުބުޚާނާ" ގެ ނަމަށް ބަދަލުކުރެވިގެންދިޔައެވެ. މިއީ  އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ނިސްބަތްކޮށް އަމީން ދީދީ ދެއްވި ނަންފުޅެކެވެ. މި ކުތުބުޚާނާ ހިންގަވަމުން ދިޔައީ އޭރުގެ ވުޒާރައްތުއްދާޚިލިއްޔާގެ ދަށުންނެވެ.

"ޤައުމީ  ކުތުބުޚާނާ" ގެ ނަމަށް މި ކުތުބުޚާނާގެ ނަން ބަދަލުކުރެއްވީ 1982 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހު، ދިވެހިރާއްޖޭގެ އޭރުގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްއެވެ. އަދި ކުތުބުޚާނާ ހިންގުމުގެ މަސައްކަތް ރައީސް އޮފީހުން ކުރައްވަމުން ގެންދެވިއެވެ.

1993 ވަނަ އަހަރު ކުތުބުޚާނާ ހިންގުމުގެ ކަންކަމާ ހަވާލުވީ، އޭރު އުފެދިގެންދިޔަ އިންފޮމޭޝަން އެންޑް ބްރޮޑްކާސްޓިންގް މިނިސްޓްރިއިންނެވެ. އޭގެ ފަހުން 2009 ވަނަ އަހަރުން 2013 ވަނަ އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކުތުބުޚާނާ ހިންގުމާއި ހަވާލުވިއިރު، 2013 ވަނަ އަހަރު ކުތުބުޚާނާ ހިންގާފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޑިޕާޓްމެންޓެއްގެ ގޮތުގައެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށަށް ކުތުބުޚާނާ ގެންގޮސްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައިމަހުގެ 13 ވަނަ ދުވަހު ކަމަށްވީއިރު، ޤައުމީ ކުތުބުޚާނާއިން ގެންދަނީ ޢިލްމީ މުޖުތަމަޢެއް ބިނާކުރުމަށާއި، އަންނަން އޮތް ޖީލުތަކަށް ފޮތްތެރިކަމުގެ މުހިންމުކަން އަންގައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450