Ads by Farudhun

ޚަބަރު

އާމްދަނީ އާއި ޚަރަދު ބެލުމަށް ޚާއްސަ ސަރވޭއެއް މާލެ ސަރަޙައްދުގައި ފަށައިފި

އާމްދަނީ އާއި ޚަރަދު ބެލުމަށް ޚާއްސަ ސަރވޭއެއް މާލެ ސަރަޙައްދުގައި ފަށައިފި

ސަރވޭއަށް މީހުން ތައްޔާރުކުރުމުގެ ތަމްރީނުގެ ތެރެއިން. ފޮޓޯ: މޯލްޑިވްސް ސްޓެޓިސްޓިކްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖުލައި 2026، 11:58

12 ޖުލައި 2026، 11:58

ގޭބިސީތަކުން ކުރާ ޚަރަދުތަކާއި ލިބޭ އާމްދަނީއާއި ގުޅޭގޮތުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދާ "ހަޔަސް ސަރވޭ" މާލެ ސަރަޙައްދުގައި ފަށައިފިއެވެ.

 މި މަހުގެ 11 އިން 21 ގެ ނިޔަލަށް ކުރިއަށްގެންދާ މި ސަރވޭގައި ބިއުރޯގެ ޓީމުތަކުން ގޭބިސީތަކަށް ޒިޔާރަތްކުރަމުންދާނެއެވެ. މަޢުލޫމާތު ހޯދުމަށްދާ ޓީމުތަކުން އެ އިދާރާގެ ރަސްމީ އައިޑީ ބޭނުންކުރާނެ ކަމަށް ބިއުރޯއިން ވިދާޅުވެފައިވާއިރު، މި މަސައްކަތުގައި އާންމުންގެ ފުރިހަމަ އެއްބާރުލުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މި ސަރވޭގެ މައިގަނޑު މަޤްޞަދަކީ ގޭބިސީތަކުގެ އެވްރެޖް ޚަރަދާއި އެކި ކަންކަމަށް ހޭދަކުރާ މިންވަރު ދެނެގަތުމެވެ. މި ސަރވޭއިން ލިބޭ މަޢުލޫމާތުގެ އަލީގައި ރާއްޖޭގެ ފަޤީރުކަމުގެ މިންގަނޑު އެކުލަވާލުމާއި، ބާޒާރުގެ އަގުތަކުގެ މިންގަނޑުގެ ބުރަދަން އިސްލާޙުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޭބިސީގެ އެވްރެޖް އާމްދަނީ އާއި ޚަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް ވެސް މި ސަރވޭއާއެކު އެކުލަވާލެވޭނެއެވެ.

ސަރވޭގައި އެއްކުރުމަށް ހަމަޖެހިފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި ތަޢުލީމީ ފެންވަރާއި، ހިޖުރަކޮށްފައިވާނަމަ އެކަމުގެ ތަފްޞީލާއި، މަސައްކަތުގެ މަޢުލޫމާތު ހިމެނެއެވެ. އަދި އާމްދަނީ ނުލިބި އާއިލާއަށް ކޮށްދޭ ޚިދުމަތްތަކަށް ހޭދަކުރާ ވަގުތާއި، ގޭބިސީގައި ބޭނުންކުރާ ހަރުމުދަލާއި، ފޯނު، ކަރަންޓު އަދި ފެން ބިލުތަކުގެ އިތުރުން ޞިއްޙީ ޚިދުމަތާއި ކާބޯތަކެއްޗަށް ކުރާ ޚަރަދުތަކުގެ މަޢުލޫމާތު ވެސް އެއްކުރާނެއެވެ. މީގެ އިތުރުން ގޭބިސީގެ މީހުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓަށް ނަގާފައިވާ ތަކެތީގެ މަޢުލޫމާތު ވެސް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ 5 ނުވަތަ 6 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ މި ސަރވޭ އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. މިއަހަރުގެ މިހާތަނަށް އަތޮޅުތަކުގެ ބައެއް ރަށްރަށުގައި މި މަސައްކަތް ކުރިއަށްގެންގޮސްފައިވާއިރު، އޭގެ ތެރޭގައި ކ. އަތޮޅު، މ. އަތޮޅު، ލ. އަތޮޅު، ނ. އަތޮޅު އަދި އައްޑޫ ސިޓީ ހިމެނެއެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ގޭބިސީތަކުގެ ޚަރަދާއި އާމްދަނީއަށް އަންނަ ބަދަލުތައް ދެނެގަތުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި ސަރވޭގައި ޖުމުލަ 4,095 ގޭބިސީއަކުން މަޢުލޫމާތު އެއްކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ ތެރޭގައި މާލެއާއި އެހެނިހެން ސިޓީތަކުން 2,085 ގޭބިސީ ހިމެނޭއިރު، އަތޮޅުތަކުގެ ރަށްރަށުން 2,010 ގޭބިސީ ހިމެނެއެވެ. މި މަސައްކަތުގެ ނަތީޖާއިން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު ދެނެގަތުމަށް ބޭނުންވާ މުހިންމު ތަފާސްހިސާބުތަކެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450