ދުނިޔެ
ބާވީ ތޫފާނާ ގުޅިގެން ޗައިނާއިން 1.7 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި
ޗައިނާގެ ހިސާބަކަށް ބާވީ ތޫފާނުގެ އަސަރުކޮށްފައި. ފޮޓޯ: ޗައިނާ ޓޮޕިކްސް
ޗައިނާގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ޒޭޖިއަންގަށް ބާވީ ތޫފާން އަރާފައިވާއިރު، މި ތޫފާނުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި 1.7 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.
ޒޭޖިއަންގް ޕްރޮވިންޝަލް މީޓިއޮރޮލޮޖިކަލް އޮބްޒަވޭޓަރީއާ ހަވާލާދީ ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތޫފާން ޗައިނާއަށް އަރާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:20 ގައެވެ.
މި ތޫފާން ޗައިނާއަށް އެރިއިރު މަރުކަޒީ ސަރަހައްދުގައި ގަޑިއަކު 144 ކިލޯމީޓަރުގެ ބާރުމިނުގައި ވަޔާއި ވިއްސާރަ ދަނީ ކުރަމުންނެވެ. ޗައިނާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ދެވަނައަށް އެންމެ މަތީ އެލާޓް ކަމަށްވާ އޮރެންޖް އެލާޓް ނެރެފައެވެ. މި ތޫފާނާ ގުޅިގެން ސަތޭކައަށްވުރެ ގިނަ ފްލައިޓްތައް ކެންސަލްކޮށް، ރޭލު ދަތުރުތައް މަދުކޮށް، ގިނަ ސްކޫލްތަކާއި ފެރީގެ ހިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ.
ޒޭޖިއަންގްގެ ވަންޒޫ ސިޓީގެ ރަށު މާރުކޭޓަކުން މުދާ ގަންނަން ހުރި ހުއާންގް ޒިންހުއާން ބުނި ގޮތުގައި، "އަހަރެން ކުޑަކޮށް ކަންބޮޑުވޭ، އެކަމަކު ހީވަނީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެހެން. މީގެ ކުރިން ވެސް ތޫފާންތަކާ ކުރިމަތިލައިފިން، މިކަމުން ވެސް އަރައިގަނެވޭނެ." އޭނާ އިތުރަށް ބުނި ގޮތުގައި އާއިލާއިން ވަނީ ދެތިން ދުވަހަށް ވާވަރަށް ފެނާއި ކާބޯތަކެތި ޖަމާކޮށްފައެވެ.
ބާވީ ތޫފާނުގެ އަސަރު އެހެން ގައުމުތަކަށް ވެސް ވަނީ ކޮށްފައެވެ. ފިލިޕީންސްގައި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަދުވެގެން 17 މީހުން މަރުވެފައިވާއިރު، ޓައިވާނުގައި 36 މީހަކަށް ވަނީ އަނިޔާވެފައެވެ. ޖަޕާނުގެ އޮކިނާވާ ސަރަހައްދުގައި ވެސް ގަދަ ވަޔާއި އުސް ރާޅުތަކުގެ ސަބަބުން 200 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ.
ޗައިނާގެ ފޫޖިއަން ޕްރޮވިންސްގެ ނިންގްޑޭ ސިޓީން ވެސް 3,700 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، 17,000 އަށްވުރެ ގިނަ އިމަޖެންސީ ރެސްކިއު ވޯކަރުން ތިބީ ތައްޔާރީ ހާލަތުގައެވެ. މި ތޫފާން އެއްގަމަށް އެރުމަށްފަހު ހުޅަނގު އުތުރަށް ދަތުރުކޮށް، ތޫފާނުގެ ބާރު މަޑުމަޑުން ދަށްވަމުންދާނެ ކަމަށް ލަފާކުރެވެއެވެ.