ވިޔަފާރި / ޚަބަރު
ތިން އަހަރުގެ ތެރޭގައި ބީއެމްއެލްއިން ޑޮލަރު ވިއްކާ މިންވަރު ހަތަރު ގުނަ އިތުރުވެއްޖެ
ބީއެމްއެލް ކާޑެއް ބޭނުންކޮށްގެން މުއާމަލާތެއް ކުރަނީ / ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަހެއްގެ މައްޗަށް އެވަރެޖުކޮށް ޑޮލަރު ވިއްކާ މިންވަރު، މީގެ ތިން އަހަރު ކުރިއާ އަޅާބަލާއިރު ހަތަރު ގުނަ އިތުރުވެފައިވާކަން އެ ބޭންކުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ބީއެމްއެލްއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރު އެވަރެޖުކޮށް މަހެއްގެ މައްޗަށް 80 މިލިއަން ޑޮލަރު އެ ބޭންކުން އަންނަނީ ވިއްކަމުންނެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. އެ އަހަރު މަހެއްގެ މައްޗަށް އެވަރެޖުކޮށް ވިއްކާފައިވަނީ 21.1 މިލިއަން ޑޮލަރެވެ.
ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ޑޮލަރު ވިއްކާ މިންވަރު މިހާ ބޮޑަށް އިތުރުވަމުންދަނީ ދިވެހި ރުފިޔާ އެކައުންޓުތަކާ ގުޅިފައިވާ ކާޑުތައް މެދުވެރިކޮށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރާ މިންވަރު އިތުރުވުމާ ގުޅިގެންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި 2021 އިން ފެށިގެން ޑިސެންބަރު 2023 އާ ހަމައަށް ބޭންކުން ވިއްކި ބޭރު ފައިސާގެ ޖުމްލައަށްވުރެ، ޖަނަވަރީ 2024 އިން ޖޫން 2026 އާ ހަމައަށް ވިއްކި މިންވަރު ވަނީ 77 އިންސައްތަ އިތުރުވެފައެވެ.
އަހަރުތަކަށް ބަހާލައިގެން މަހެއްގެ މައްޗަށް އެވަރެޖުކޮށް ޑޮލަރު ވިއްކާފައިވާ މިންވަރު / ގްރެފިކްސް: ބިއެމްއެލް
ރުފިޔާ ކާޑު މެދުވެރިކޮށް ކުރާ ބޭރުގެ މުއާމަލާތްތަކަށް ކުރާ ހޭދަ އިތުރުވެފައިވާ މިންވަރަށް ބަލާލާއިރު، ޖުލައި 2021 އިން ޑިސެންބަރު 2023 އަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، ޖަނަވަރީ 2024 އިން ޖޫން 2026 އަށް އެ އަދަދު ވަނީ 870 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 102 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
ބޭންކުން އިތުރަށް ފާހަގަކުރި ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މި އަހަރު ޓީޓީ (TT) ރެމިޓެންސް މެދުވެރިކޮށް ބޭރު ފައިސާ ދޫކުރާ މިންވަރުވެސް ވަނީ ހަތަރު ގުނަ އިތުރުވެފައެވެ. މި ހުރިހާ ބަދަލުތަކާއެކު ބޭންކުން ބޭރު ފައިސާ ދޫކުރަންޖެހޭ މިންވަރު ވަނީ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައެވެ.