ޚަބަރު
މޭޔަރު ނިޒާރު ހުންނެވީ ސިޔާސީ ބިރުވެރިކަމެއްގައި: ޝުޖާއު
އެމްޕީ ޝުޖާއު - ފޮޓޯ: ޕީއެސްއެމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ޖިއްދާއަށް ދެވޭނެ ގޮތް ހެއްދެވުމާ ގުޅިގެން ވާހަކަދެއްކެވުމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ފަސްޖެހިވަޑައިގަންނަވަނީ ސިޔާސީ ބިރުދެއްކުންތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މެންބަރު ޝުޖާއު މިހެން ވިދާޅުވީ މިއަދު އެކްސް (ކުރީގެ ޓުވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދެކުނުގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ އެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، މި ވާހަކަ ދެއްކެވުމަށް އައްޑޫ މޭޔަރަށް ނުކެރިގެން އުޅުއްވަނީ އެމް.ޑީ.ޕީގެ ލީޑަރޝިޕުން އޭނާއަށް ސިޔާސީ ގޮތުން ބިރުދައްކަމުންދާތީ ކަމަށް ބެލެވޭ ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.
ޝުޖާއުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޢިއްޒުގެ މި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރާއި ފަސޭހަކަން، އިރާދަކުރެއްވިއްޔާ ދުވަހެއް ދުވަހަކަށް ތަރައްޤީވެ ކުރިއަރަމުންދާނެ ކަމަށެވެ. މިއީ މުޅި ރާއްޖޭގެ، ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކުގެ ތަރައްޤީއަށް މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން، ރައީސް ޑރ. މުޢިއްޒާއި، ޕީއެންސީގެ ލީޑާޝިޕް އިސްކޮށް ތިއްބަވައިގެން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދެއްވަމުންނެވެ.
ޝުޖާއުގެ މި ފާޑުކިޔުން އަމާޒުވެފައިވަނީ، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތަކަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ނުދޭކަމަށް ބުނާ ދަނޑިވަޅެއްގައެވެ.