ޚަބަރު
އަމީރަށް ވަގަށް ގޮވި މީހުން މިއަދު އޭނާއާއެކު ޕެނަލްގައި - ޝުޖާއު
އެމްޑީޕީއިން ކުރިއަށް ގެންދާ ބަޖެޓް މަޝްވަރާ - ފޮޓޯ: އެމްޕީ ޝުޖާއު އެކްސް
އިދިކޮޅު އެމްޑީޕީން އާރޓިފިޝަލް ބީޗްގައި ބޭއްވި އިޤްތިޞާދީ ޕެނަލް މަޝްވަރާއަށް ފާޑުވިދާޅުވަމުން، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެ ޕާޓީގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފައްދަވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ގިނަ އަދަދެއްގެ ހުސްގޮނޑިތަކާއެކު ކުރިއަށްދިޔަ މި ޕެނަލް މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި އީވާ އަބުދުﷲ އާއި އިލްޔާސް ލަބީބަކީ، ކުރީގެ ސަރުކާރުގައި އިބްރާހިމް އަމީރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ދެ ބޭފުޅުން ކަމަށެވެ. އެގޮތުން ރާއްޖެ ބަނގުރޫޓުވަނީ ކަމަށް ބުނެ، އޭރު އަމީރަށް "ވަގަށް" ގޮވައި، އޭނާ އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދަށް ގެއްލުންވާ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވިކަން ޝުޖާއު ހަނދާންކޮށްދެއްވިއެވެ.
ގިނަ އަދަދެއްގެ ހުސްގޮނޑިއާއެކު މިހާރު އާރޓިފިޝަލް ބީޗްގައި ކުރިއަށްދާ @MDPSecretariat ގެ ޕެނަލް މަޝްވަރާގައި ޕެނަލިސްޓުންނަށް ތިއްބެވި @evattey އާއި @ilyas_labeeb އަކީ MDP ވެރިކަމުގައި ރާއްޖެ ބަނގުރޫޓް ވަނިއްޔޭ ކިޔާ އަމީރަށް ވަގަށް ގޮވި 2 މީހުން.މިދެމީހުން މިވާހަކަތައް ގޮވީ… pic.twitter.com/kpmLxVaN5A
— Ibrahim Shujau (@IbrahimShujaau) July 12, 2026
ޝުޖާއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭރު އަމީރު ފުލުފުލުގައި ފައިސާ ޗާޕްކޮށް ބާޒާރަށް ނެރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގުވެއްޓި، ތަކެތީގެ އަގު އުފުލެމުންދިޔަ މައްސަލައިގައި މި ދެ ބޭފުޅުން ވަނީ ވަރަށް ބޮޑަށް އަޑުއުފުއްލަވާފައެވެ. އަދި އެމްޑީޕީގެ މިހާރުގެ ކުރީގެ ރައީސް ނަޝީދު، އަމީރު ހުށަހެޅުއްވި ސަޕްލިމަންޓްރީ ބަޖެޓަކީ "ވައްކަމުގެ ރަޝީދެއް" ކަމަށް ސިފަކުރައްވައި، އޭރުގެ މާލީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"މިއަދު މިއެންމެން އަމީރު މެދުގައި ބައިންދައިގެން މިދައްކާ ވާހަކަތަކުން ރައްޔިތުން މިއެންމެންނަށް ކުރަނީ މަލާމާތް،"
ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގެ ޖަލްސާގައި ހުސްގޮނޑި ގިނަވެ، ރައްޔިތުންގެ ތަރުހީބު ކުޑަވީވެސް މި ސަބަބާ ހުރެއެވެ.
ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރާއްޖޭގެ އިޤްތިޞާދު ފުނޑާލައި، ޑޮލަރުގެ ކަޅު ބާޒާރު އުފައްދާ ބަޔަކު އަލުން އިޤްތިޞާދާއި ޑޮލަރުގެ ވާހަކަ ދެއްކުމުން ރައްޔިތުން އެކަން ބަލައިނުގަންނާނެ ކަމަށާއި، އެއީ ހަމައެކަނި "ޖޯކެއް" ކަމަށްވެސް ޝުޖާއުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މި ޕެނަލް މަޝްވަރާއަކީ މިހާރުގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ފާޑުކިޔުމަށް އެމްޑީޕީން ބޭއްވި ހަރަކާތެކެވެ. ނަމަވެސް، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދެކޭގޮތުގައި އިސްލާޙީ ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި ސިޔާސީ މަންފާއަކަށް ކުރާ ކަމެކެވެ.