ޚަބަރު
އަމިއްލަ ގޮތުން އޭލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ސީއެޗްއެސްއީ ދަރިވަރުންތަކެއް. ފޮޓޯ: އިންޓަނެޓް
އަމިއްލަ ގޮތުން މިއަހަރުގެ އޭލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް، ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) އިން ބުނެފިއެވެ.
މި އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރުގައި އޮންނަ އެޑެކްސެލް އައި.އޭ.އެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގައި އަމިއްލަގޮތުން ބައިވެރިވުމަށް ހުޅުވާލައި، ފޯމު ދޫކުރަން ފަށާފައިވާ ކަމަށް ޑިޕީއީއިން ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
އަމިއްލަގޮތުން އިމްތިފާނުގައި ބައިވެރިވުމަށް، އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖހިފައިވަނީ އޮންލައިންކޮށް ގޫގުލް ފޯމު މެދުވެރިކޮށް ކަމަށާއި، އިމްތިހާނުގެ ފީ ދެއްކުމަށް ހަމަޖެހިފައިވަނީ، ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް ވެސް އެ ޑިޕާޓްމެންޓުން ބުނެއެވެ.
މިއާއެކު ޑީޕީޢީއިން ވަނީ، ޓެސްޓުގެ ފީ ޝީޓާއި ޓައިމްޓޭބްލް ވެސް އާއްމުކޮށްފައެވެ.
އިމްތިހާނަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 3 އޮގަސްޓު 2026 ގެ ރޭ ދަންވަރު 23:59 ކަމަށް އެ ޑިޕާޓްމެންޓުންވަނީ ބުނެފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ބޭނުންވެލައްވާނަމަ، 3041313 ނުވަތަ 7957373 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.
މިއަހަރު މަތީ ސާނަވީއަށް 3200 އެއްހާ ދަރިވަރުން ކިޔަވަން ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މަތީ ސާނަވީގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ ތައުލީމީ ވުޒާރާގެ މުހިންމު ސިޔާސަތެކެވެ.