ޚަބަރު
ރާއްޖެ-އިންޑިއާ އެފްޓީއޭ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިމިއްޖެ: ވަޒީރު ސަޢީދު
ވަޒީރު ސައީދު. ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ޤާއިމުކުރުމަށް ތައްޔާރުވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިމިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ހާމަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އިންޑިއާއާއެކު މި އެއްބަސްވުމުގައި ސޮއިކޮށް، އަމަލީ ގޮތުން މަސައްކަތް ފެށުމެވެ. މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި މައިގަނޑު 12 ދާއިރާއެއް ހިމެނޭއިރު، މީގެ ތެރޭގައި މުދަލާއި ޚިދުމަތުގެ ވިޔަފާރީގެ އިތުރުން، އިޤްތިޞާދީ އެއްބާރުލުން ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްވަރާތަކުގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، "އޭގެތެރޭގައި 12 ދާއިރާއަކުން 102 ފަރާތަކަށް ދިވެހިރާއްޖޭގެ، އަޅުގަނޑު މި ދަންނަވަނީ 65 ޕްރައިވެޓް ފަރާތަކާއި އަޅުގަނޑުމެން މިހާރުވެސް މަޝްވަރާކުރެވިގެން ޚިދުމަތާއި ގުޑްސް އާއި އަދި ޓެކްނިކަލް ބެރިއާސްތަކާއި އަދި އިކޮނޮމިކް ކޯޕަރޭޝަންގެ ދާއިރާއިންވެސް މަސައްކަތް ކުރަމުން މިދަނީ" ކަމަށެވެ. މިއީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުމާއެކު ކުރިއަށްދާ ވަރަށް ފުޅާ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އެހެން ދާއިރާތަކަށް ފުޅާކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެ ދުނިޔޭގެ މާކެޓްތަކާ އެކަހެރިވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ދިވެހި އުފެއްދުންތައް އެކްސްޕޯޓް ކުރެވޭނެ އާ މަގުތައް ހޯދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށްވެސް ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ ޒުވާން ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ މާކެޓްތަކުން ފުރުސަތު ހޯދައިދިނުމަކީ މި އެއްބަސްވުމުގެ ބޮޑު މަޤްޞަދެއް ކަމަށެވެ.
އިންޑިއާއާއެކު އެފްޓީއޭގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖެއިން ވަނީ މިދިޔަ ޖަނަވަރީ މަހު ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައެވެ. މީގެ އިތުރުން ތުރުކީވިލާތާއެކު ވެސް ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކޮށް، އެ އެއްބަސްވުމަށް އަމަލުކުރުމަށްޓަކައި ކުރަންޖެހޭ ފަހުގެ މަސައްކަތްތައް އިޤްތިޞާދީ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.