ކުޅިވަރު
އިލާންގެ ރީތި ގޯލަކާއެކު ފައިނަލުގެ ފަހު ޖާގަ މާޒިޔާއަށް
ގޯލު ކާމިޔާބު ކުރުމަށްފަހު އިލާން އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް
އެފް.އޭ.އެމް ޔޫތު ޗެމްޕިއަންޝިޕް 2026 ގެ ފައިނަލުގެ ފަހު ޖާގަ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކަށަވަރުކޮށްފިއެވެ. މާޒިޔާ ފައިނަލަށް ދަތުރުކުރީ ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޯޑީ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗަށް ނިކުތްއިރު ފައިނަލަށް ދިއުމަށްޓަކައި އޯޑި ސްޕޯޓްސް ކްލަބަށް މެޗުން މޮޅުވުން މަޖުބޫރުވެފައި އޮތް ނަމަވެސް، މާޒިޔާއިން ވަނީ މެޗުގެ ބޮޑުބައިގައި އެ ޓީމުގެ ހަމަލާތައް ހުއްޓުވައި ހިފަހައްޓާފައެވެ. މާޒިޔާއިން މެޗު ކާމިޔާބުކުރި ލަނޑު ޖަހާފައިވަނީ މެޗު ނިމެން އެންމެ މިނެޓަކަށް ވެފައި ވަނިކޮށެވެ.
މެޗުގެ 89 ވަނަ މިނެޓުގައި މާޒިޔާއަށް މި މުހިންމު ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ހުނަރުވެރި ފޯވާޑް މުޙައްމަދު އިލާން އިމްރާންއެވެ. އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހޯދައިގެން، ދަނޑުގެ މެދު ރޮނގު ކައިރިން ބާރު ސްޕީޑުގައި ދުވެ ގޮސް އޮޑީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، އޭނާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ގޯލްކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހުއެވެ.
މި ގޯލަކީ މި މުބާރާތުގައި ކުޅުނު ފަސް މެޗުން އިލާން ކާމިޔާބުކުރި 13 ވަނަ ގޯލެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އިލާންއެވެ. މިއީ ގްރޫޕް ސްޓޭޖުގައި އޭނާ މި ޝަރަފު ހޯދި ހަތަރުވަނަ މެޗެވެ.
މި ކާމިޔާބީއާއެކު، މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި މާޒިޔާ ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެން ކަމަށްވުމުން، ފައިނަލް މެޗު ވެގެންދާނީ މި ދެ ޓީމުގެ ފޯރިގަދަ ކުރިމަތިލުމަކަށެވެ.