ދުނިޔެ

އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފި

ހޮރްމުޒް ކަނޑުއޮޅި / ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖުލައި 2026، 04:30

15 ޖުލައި 2026، 04:30

އީރާނުގެ ދެކުނު އައްސޭރިފަށާއި ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ހުރި އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، ހަތް ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަނުގައި ފައިޓަރ ޖެޓްތަކާއި، ޑްރޯން އަދި ކަނޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ދިހަވަރަކަށް އަސްކަރީ އަމާޒުތަކަށް ވަނީ ހަމަލާދީފައެވެ. މި ހަމަލާތަކާ އެކު އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށް (ނޭވަލް ބްލޮކޭޑް) ކަނޑުގެ މަގުން މުދާ އުފުލުން ހުއްޓުވަން ފަށާފައެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަންޑަރު އައްބާސް، ގޭޝްމް، ހެންގާމް އަދި ބުޝެހެރް ފަދަ ސިޓީތަކަށް ހަމަލާތައް އަމާޒުވެފައިވާއިރު، އެ ސަރަހައްދުތަކުގެ އެއަރ ޑިފެންސް ނިޒާމުތައް ވަނީ އެކްޓިވޭޓްކޮށްފައެވެ. އީރާނުގެ އިލާމް ޕްރޮވިންސްގައި ހުރި ފެން އުފައްދާ ކާރުޚާނާއަކަށާއި، ސިސްތާން އަދި ބަލޫޗިސްތާން ޕްރޮވިންސްގައި ހުރި އަސްކަރީ ބޭހެއްގެ ސިފައިން ތިބޭ ތަނަކަށް ވެސް ހަމަލާ އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ހަމަލާތަކުގައި މީހަކު މަރުވިކަމުގެ ރަސްމީ ކަށަވަރުލުމެއް އަދި ލިބިފައެއް ނުވެއެވެ.

 

އެމެރިކާގެ ބޭސްތަކަށް އީރާނުން ހަމަލާދިން ކަމަށް ދައުވާކުރުން

އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ބަހްރޭން، ކުވެއިތު އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ވަނީ ބުނެފައެވެ. ބަހްރޭންގައި އޮންނަ އެމެރިކާގެ ފިފްތު ފްލީޓްގެ ހެޑްކުއާޓާޒްއަށާއި، ކުވެއިތުގައި ހުރި ލޮޖިސްޓިކް މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމަށް އީރާނުން ދައުވާކުރެއެވެ. މީގެ އިތުރުން އެމެރިކާގެ އެފް-15، އެފް-16 އަދި އެފް-35 މަރުކާގެ ބޯޓުތައް ބަހައްޓާފައި ހުރި ތަންތަން ހަލާކުކޮށްލާފައިވާ ކަމަށް ވެސް އީރާނުން ބުނެއެވެ.

އުރުދުންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އީރާނުން އެ ގައުމުގެ ވައިގެ ސަރަހައްދަށް ފޮނުވާލި ތިން ބެލިސްޓިކް މިސައިލެއް ވަނީ ވައިގެ ތެރޭގައި ގޮއްވާލާފައެވެ. މި ކުރިމަތިލުންތައް ހިނގާފައި މިވަނީ މިދިޔަ އޭޕްރީލް މަހު ދެ ގައުމުގެ ދެމެދުގައި ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައެވެ. ދެ ފަރާތުން ވެސް ދަނީ އެއްބަސްވުމާ ޚިލާފުވި ކަމުގެ ތުހުމަތު އެއް ބަޔަކު އަނެއް ބަޔަކަށް ކުރަމުންނެވެ.

 

ޓްރަމްޕްގެ އިންޒާރާއި ތެލުގެ ބާޒާރަށް އައި ބަދަލު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ އީރާނަށް ދޭ ހަމަލާތައް އޭނާ ހުއްޓާލަން ބުނަންދެން ކުރިއަށްދާނެ ކަމަށެވެ.

ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ފާލަންތަކަށް ވެސް ކުރިއަށް އޮތް ތަނުގައި ހަމަލާދީފާނެ ކަމަށެވެ.

"އަހަރެން ހަކަތައާ ގުޅޭ އަމާޒުތައް ބަހައްޓާނީ އެންމެ ފަހަށް، އެކަމަކު އެންމެ ފަހުން އަހަރެމެން އެ ތަންތަނަށް ވެސް ހަމަލާދޭނަން،" ޓްރަމްޕް ބުނެފައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލެން ފަށާފައެވެ. ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 86.19 ޑޮލަރަށް އަރާފައިވާއިރު، މިއީ ކުރިން ހުރި 70 ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު މަގަކަށް ވުމުން، މި ހަމަަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަލާމަތަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450