ދުނިޔެ

އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

އެމެރިކާއިން އިރާނަށް ދިން ހަމަލާއެއް. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖުލައި 2026، 04:31

16 ޖުލައި 2026، 04:31

އެމެރިކާ ސިފައިން އީރާނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ފުރަތަމަ ފަހަރަށް ވެރިރަށް ތެހެރާނާ ކައިރި ސަރަހައްދުތަކަށް ވެސް ހަމަލާދީފިއެވެ.

 އެމެރިކާގެ ސެންޓްރަލް ކޮމާންޑް (CENTCOM) އިން ބުނި ގޮތުގައި މި ހަމަލާތަކަކީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ކުރިމަތިކުރާ ނުރައްކާތައް ހުއްޓުވުމަށް ދެވުނު ހަމަލާތަކެކެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށްދާ މި ކުރިމަތިލުންތަކުގައި މިހާތަނަށް 35 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި ބުރާސްފަތި ދުވަހުގެ ހަމަލާތަކުގައި އީރާނުގެ ކޮމާންޑް ސެންޓަރުތަކާއި، ވައިގެ ދިފާއީ ނިޒާމުތަކާއި، މިސައިލް އަދި ޑްރޯން މަރުކަޒުތަކަށް ވަނީ އަމާޒުކޮށްފައެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި އޮންނަ ގްރޭޓަރ ޓުންބް އައިލެންޑްގައި ހުރި ކްރޫޒް މިސައިލް ސައިޓްތަކަށް ވެސް ވަނީ ހަމަލާދީފައެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަހްވާޒްގައި ހުރި ހޮސްޕިޓަލަކަށް ހަމަލާ އަމާޒުވުމުގެ ސަބަބުން 211 ބަލިމީހުން ވަނީ އެތަނުން ނެރެފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (IRGC) އިން ވަނީ އަވަށްޓެރި ގަލްފް ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދުގައި ހަމަލާދީފައެވެ. އީރާނުން ބުނި ގޮތުގައި ކުވައިތުގައި ހުންނަ އަލީ އަލް ސާލިމް އެއާބޭސްގައި ހުރި ރޭޑާ ނިޒާމުތަކާއި ފިއުލް ޓޭންކުތަކަށް ވަނީ ހަމަލާދީފައެވެ. ހަމައެހެންމެ ބަހްރޭންގައި ހުންނަ ޝެއިޚް އީސާ އެއާބޭސް އާއި އުރުދުންގައި ހުންނަ އަލް-އަޒްރަގް އެއާބޭސްއަށް ވެސް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެއެވެ.

އީރާނުގެ ޕާލަމަންޓުގެ ރައީސް މުހައްމަދު ގާލިބާފް ވިދާޅުވީ އެމެރިކާއިން ވަގުތީ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާނަމަ ފުރިހަމަ އަސްކަރީ ކުރިމަތިލުމަކަށް އީރާނުން އޮތީ ތައްޔާރަށެވެ. އަދި އީރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވައިފިނަމަ، މުޅި ސަރަހައްދުގެ ހަކަތަ އެކްސްޕޯޓް ހުއްޓުވާލާނެ ކަމުގެ އިންޒާރު IRGC އިން ވަނީ ދީފައެވެ. "މި ސަރަހައްދުން ތެލާއި ގޭސް އެކްސްޕޯޓް ކުރެވޭނީ އެންމެންނަށް، ނޫނީ އެކަކަށްވެސް ނުކުރެވޭނެ،" އީރާނުގެ ބަޔާނުގައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ އީރާނުން ސުލްހައިގެ އެއްބަސްވުމަކަށް ދާން ބޭނުންވާ ކަމަށާއި، ނަމަވެސް އެމެރިކާއިން ކުރާ ކަންތައްތަކާ މެދު އެގައުމުން ހިތްހަމަނުޖެހޭ ކަމަށެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން ވެސް، 2024 އިން ފެށިގެން އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ދީނާ ކަރާރީ މިނިވަންކުރުމުން ޓްރަމްޕް ވަނީ އީރާނަށް ޝުކުރު އަދާކޮށްފައެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ބުނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ބޭނުންވާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450