ދުނިޔެ
އަލްޖީރިއާގެ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި އަލިފާން ރޯވެ 11 މީހުން މަރުވެއްޖެ
އަލްޖީރިއާގެ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި އަލިފާން ރޯވުން. ފޮޓޯ: އިންޓަރނެޓް
ހުލާސާ
އަލްޖީރިއާގެ ވެރިރަށް އަލްޖިއާސްގެ އިރުމަތީގައި އޮންނަ މުހައްމަދިއާގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި ރޭގަނޑުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި އިތުރު 19 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އަލްޖީރިއާގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ބުނި ގޮތުގައި، 'ޗައިލްޑްހުޑް ރިލީފް އިންސްޓިޓިއުޝަން' ގައި މި އަލިފާން ރޯވެފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު 3:30 އެހާއިރުއެވެ. މި މަރުކަޒަކީ ޔަތީމު ކުދިންނާއި، އަޅާލާނެ ފަރާތެއް ނެތް ކުދިންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޯހިޔާވަހިކަމާއި ސިއްހީ ފަރުވާ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މަރުކަޒެކެވެ.
މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 10 މީހަކަށް ފިހިގެން ފަރުވާ ދީފައިވާއިރު، ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވި ދެ މީހަކަށް ވެސް ވަނީ ފަރުވާ ދީފައެވެ. މީގެ އިތުރުން، ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑު ސޮކެއް ލިބުނު ހަތް މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަސް ކުއްޖަކު ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ސިވިލް ޕްރޮޓެކްޝަނުން މައުލޫމާތު ދެއެވެ.
އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތެބޫން ވަނީ މި ހާދިސާގައި ކުޑަކުދިންތަކެއް މަރުވުމާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މަރުވި ކުދިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި ބޮޑުވަޒީރު ސިފީ ޣްރީބް ވަނީ މުސްތަފާ ޕާޝާ ޔުނިވަރސިޓީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އަނިޔާވި މީހުންގެ ހާލަތު ބައްލަވާލައްވާފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދިޔަ ވަގުތު ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް އެއްވެފައިވެއެވެ. މިހާރު އަލިފާން ނިއްވާލެވިފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ތަހުގީގެއް ފަށާފައެވެ.