ދުނިޔެ
އިންޑިއާގެ ކޫޑަންކުލާމް ނިއުކްލިއާ ޕަވަރ ޕްލާންޓުގެ މައުލޫމާތުތަކެއް ހެކްކޮށް ލީކުކޮށްލައިފި
އިންޑިއާގެ ކޫޑަންކުލާމް ނިއުކްލިއާ ޕަވަރ ޕްލާންޓު. ފޮޓޯ: އިންޓަރނެޓް
އިންޑިއާގެ އެންމެ ބޮޑު ނިއުކްލިއާ ޕަވަރ ޕްލާންޓް ކަމަށްވާ ކޫޑަންކުލާމް ނިއުކްލިއާ ޕަވަރ ޕްލާންޓާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިލްތަކެއް ހެކްކޮށް، ޑާކް ވެބްގައި ލީކުކޮށްލާފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ.
މި މައުލޫމާތުތައް ލީކުކޮށްލާފައިވަނީ ރެންސަމްވެއާ ގްރޫޕެއް ކަމަށްވާ ވޯލްޑް ލީކްސް އިންނެވެ.
ލީކުކޮށްލާފައިވާ ފައިލްތަކުގެ ތެރޭގައި ޕްލާންޓުގެ ބައެއް ވަސީލަތްތަކުގެ ބްލޫޕްރިންޓްތަކާއި، ސަޕްލަޔަރުންގެ މައުލޫމާތު ހިމެނެއެވެ. މި މައުލޫމާތުތަކަކީ އެ ޕްލާންޓުގެ ކޮންޓްރެކްޓަރެއް ކަމަށްވާ ރިލަޔަންސް ގްރޫޕުގެ ސާވަރަކުން ވަގަށް ނަގާފައިވާ މައުލޫމާތުތަކެއް ކަމަށް ބެލެވެއެވެ. ނަމަވެސް، ނިއުކްލިއާ ޕަވަރ ކޯޕަރޭޝަން އޮފް އިންޑިއާއިން ބުނެފައިވަނީ ލީކުވި މައުލޫމާތުތަކުގެ ތެރޭގައި ނިއުކްލިއާ ސަލާމަތާ ގުޅުންހުރި ނާޒުކު އެއްވެސް މައުލޫމާތެއް ނުހިމެނޭ ކަމަށެވެ.
އިންޑިއާގެ މަހުޖަނު އަނިލް އަމްބާނީގެ ރިލަޔަންސް ގްރޫޕުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ތާޑް-ޕާޓީ ޑޭޓާ ސެންޓަރެއްގައި ހުރި އެކުންފުނީގެ ސާވަރަކަށް ނުފޫޒު ފޯރުވައި، ބައެއް މައުލޫމާތުތައް ނަގާފައިވާ ކަމަށެވެ. މި މައްސަލަ މިހާރު ސަރުކާރަށް އަންގާފައިވާ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ. ލީކުވެފައިވަނީ ޖުމްލަ 14.3 ޖީބީގެ 19,000 އެއްހާ ފައިލް ކަމަށް ސައިބަރ ސެކިއުރިޓީ ދިރާސާވެރިން ބުނެއެވެ.
މި ފައިލްތަކުގެ ތެރޭގައި 2016 އިން ފެށިގެން 2025 އާ ހަމައަށް ހުރި ލިޔެކިޔުންތައް ހިމެނެއެވެ. އޭގެ ތެރޭގައި މީޓިންގ ރެކޯޑްތަކާއި، އިކުއިޕްމަންޓް ރިވިއުތަކުގެ އިތުރުން އިންޝުއަރެންސް ޕޮލިސީތައް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރިލަޔަންސް އިންފްރާސްޓްރަކްޗާއަކީ ކޫޑަންކުލާމް ޕްލާންޓުގެ ޔުނިޓް 3 އަދި 4 ގެ މަސައްކަތް ކުރަމުންދާ ކުންފުންޏެވެ.
ސަލާމަތީ ނުރައްކަލެއް އޮތް ކަމުގެ ކަންބޮޑުވުން
ނިއުކްލިއާ ތްރެޓް އިނިޝިއޭޓިވްގެ ސީނިއާ ޑައިރެކްޓަރ ނިކޮލަސް ރޯތު ވިދާޅުވި ގޮތުގައި، މިފަދަ މައުލޫމާތުތައް ލީކުވުމަކީ ޕްލާންޓުގެ ސަލާމަތަށް އޮތް "ސީރިއަސް" ނުރައްކަލެކެވެ. މިއީ އިންޑިއާގެ ކުންފުނިތަކަށް ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށް އެކަށީގެންވާ ވަސީލަތްތައް ނެތްކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލަ އިންޑިއާގެ މައި ސައިބަރ ސެކިއުރިޓީ އެޖެންސީ (CERT-In) އިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ވޯލްޑް ލީކްސް ގްރޫޕަކީ މީގެ ކުރިން ޓާޓާ ގްރޫޕާއި ނައިކީ ފަދަ ބޮޑެތި ކުންފުނިތަކަށްވެސް ހަމަލާދީފައިވާ ގްރޫޕެކެވެ. މިދިޔަ މަހު އެ ގްރޫޕުން ވަނީ ޓާޓާ ގްރޫޕުގެ އަތުން 1.5 މިލިއަން ޑޮލަރުގެ ރެންސަމްއަކަށް އެދި، އެ ފައިސާ ނުދިނުމުން އެޕަލް އަދި ޓެސްލާގެ މައުލޫމާތުތައް ހިމެނޭ ފައިލްތަކެއް ލީކުކޮށްލާފައެވެ.