ދުނިޔެ
ތައިލެންޑާއި މެލޭޝިޔާގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި

ތައިލެންޑުގައި ފެންބޮޑުވެފައި ފޮޓޯ: ސީއެންއެން
ތައިލެންޑާއި މެލޭޝިޔާގެ ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 12 އަށް އަރައިފިއެވެ. މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ މެލޭޝިޔާގެ އުތުރުގެ ސަރަހައްދުތަކާއި ތައިލެންޑުގެ ދެކުނުގެ ސަރަހައްދުތަކަށެވެ.
ތައިލެންޑުގެ ދެކުނުގައި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 9 އަށް އަރާފައިވާއިރު، 534,000 އަށްވުރެ ގިނަ ގެއަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ހާލުގައި ޖެހުނު މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް 200 އަށްވުރެ ގިނަ ވަގުތީ ހިޔާ ޤާއިމުކޮށްފައިވެއެވެ.
ތައިލެންޑުގެ ސޮންގްކްލާ ޕްރޮވިންސުގެ ޗާނާ ޑިސްޓްރިކްޓަކީ އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދެވެ. މިއީ ފާއިތުވި 50 އަހަރުގެ ތެރޭގައި އެ ސަރަޙައްދުގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވާ އަހަރު ކަމަށް ތައިލެންޑުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.
މެލޭޝިޔާގެ 9 ސްޓޭޓެއްގައި ފެންބޮޑުވެ، 139,000 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާކަން އެ ޤައުމުގެ ކާރިސާތަކާ ބެހޭ މަރުކަޒުން ހާމަކޮށްފައިވެއެވެ.
ތައިލެންޑުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެ، މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.