ކުޅިވަރު
ގޯލްޑް ކަޕް: ދިއްދޫއިން ދެވަނަ ބުރުގެ އުއްމީދު އައުކޮށްފި
ދިއްދޫގެ 17 އަހަރުގެ އަހްޒަމް ރަޝީދު--- ފޮޓޯ: ސިޑިބަރި
ހުލާސާ
- ފުރަތަމަ މެޗުގައި ފުވައްމުލަކާއި ކުޅުނު މެޗު ދިއްދޫއަށް ގެއްލުމުން، މި މެޗަށް ނިކުތް އިރު އެ ޓީމަށް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ 4 ވަނައިގައި.
- މި މެޗުގައި ދިއްދޫގެ 17 އަހަރުގެ އަހްޒަމް ރަޝީދު ވަނީ ހެޓްރިކެއް ވެސް ހަދާފައި.
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގްރޫޕް-އޭގައި ދިއްދޫއިން ކުޑަހުވަދޫ ބަލިކޮށް، ދެވަނަ ބުރުގެ އުއްމީދު އައުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ދިއްދޫއިން ކާމިޔާބުކޮށްފައި ވަނީ 6-2 އިންނެވެ.
ފުރަތަމަ މެޗުގައި ފުވައްމުލަކާއި ކުޅުނު މެޗު ދިއްދޫއަށް ގެއްލުމުން، މި މެޗަށް ނިކުތް އިރު އެ ޓީމަށް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ 4 ވަނައިގައެވެ. އެ މެޗުން ފުވައްމުލަކު ސިޓީ މޮޅުވެފައިވަނީ 7-3 އިންނެވެ. ނަމަވެސް، ކުޑަހުވަދޫ ބަލިކޮށް ލިބުނު 3 ޕޮއިންޓާއި ފައިދާ 4 ގޯލާއެކު، އެ ޓީމު މިހާރު އޮތީ ގްރޫޕްގެ ދެވަނައިގައެވެ.
މި މެޗުގައި ދިއްދޫގެ 17 އަހަރުގެ އަހްޒަމް ރަޝީދު ވަނީ ހެޓްރިކެއް ވެސް ހަދާފައެވެ. އޭނާއަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ވެސް ކުޅުންތެރިއެކެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ 66 ވަނަ މިނެޓުގައި ކުޅެން ނިކުތުމަށްފަހު، އޭގެ އެއް މިނެޓު ފަހުން އޭނާގެ ފުރަތަމަ ގޯލު ވަނީ ކާމިޔާބުކޮށްފައެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ދިއްދޫގެ އަނެއް 3 ގޯލު ކާމިޔާބު ކޮށްފައިވަނީ އަހްޒަމް ކުޅެން ނިކުތުމުގެ ކުރިންނެވެ. އޭގެ ތެރެއިން 2 ގޯލު ފުރަތަމަ ހާފުގައި ކާމިޔާބު ކުރިއިރު، ދެވަނަ ގޯލު ކާމިޔާބު ކުރީ ދެވަނަ ހާފުގެ 7 ވަނަ މިނެޓުގައެވެ.
މި ގްރޫޕްގައި ދިއްދޫގެ އިތުރުން، މީދޫ އަށާއި ކުޑަހުވަދޫއަށް ވެސް ވަނީ 3 ޕޮއިންޓު ލިބިފައެވެ. ގްރޫޕްގެ 3 ވަނައިގައި 1- ގޯލާއެކު މީދޫ އޮތް އިރު، 3- ގޯލާއެކު 4 ވަނައިގައި އޮތީ ކުޑަހުވަދޫއެވެ. އެހެންކަމުން މި ހުރިހާ ޓީމަކަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި އޮންނާނެއެވެ. މީގެ އިތުރުން، މިހާތަނަށް ކުޅުނު ދެ މެޗުން ޕޮއިންޓެއް ލިބިފައި ނުވިނަމަވެސް، ފަރެސްމާތޮޑާއަށް ވެސް މި ފުރުސަތެއް އަދި ނުގެއްލެއެވެ. ނަމަވެސް ކުރިޔަށް އޮތް ދެ މެޗު އެ ޓީމުން ކޮންމެހެން ކާމިޔާބު ކުރުން މަޖުބޫރުވާނެއެވެ.