ދުނިޔެ
އީރާނުން ބަހުރައިނާއި އުރުދުން އަދި ކުވައިތުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި
އީރާނުން ބަހުރައިނާއި އުރުދުން އަދި ކުވައިތުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދިނުން - ފޮޓޯ: އަލްޖަޒީރާ
އީރާނުގެ އަސްކަރިއްޔާއިން ބަހުރައިން، އުރުދުން އަދި ކުވައިތުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކާ ގުޅިގެން އެ ގައުމުތަކުގައި ނުރައްކަލުގެ ރަނގަބީލު ވަނީ އަޅަން ފަށާފައެވެ.
އީރާނުން މި ހަމަލާތައް ދީފައިވަނީ އެމެރިކާއިން އެ ގައުމަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ ހަތް ރޭ މަތިން އެމެރިކާގެ މަތިންދާބޯޓުތަކާއި، ޑްރޯން އަދި މަނަވަރުތައް ބޭނުންކޮށްގެން އީރާނުގެ އެކި ސަރަހައްދުތަކަށް ވަނީ ހަމަލާދީފައެވެ. މި ހަމަލާތަކުގައި އީރާނުގެ އަސްކަރީ ލޮޖިސްޓިކްސް މަރުކަޒުތަކާއި، ބިމުގެ އަޑީގައިވާ ހަތިޔާރު ގުދަންތަކާއި، ކަނޑުގެ އަސްކަރީ ގާބިލިއްޔަތު ހުރި ތަންތަނަށް އަމާޒުކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ.
މިގޮތުން އީރާނުގެ ދެކުނުގެ ރަށްތައް ކަމަށްވާ ލާރް، ޖާސްކް، ސިރިކް، ބުޝެހްރު އަދި ބަންދަރު އައްބާސްގެ އިތުރުން ގޭޝްމް އައިލެންޑް، އަހްވާޒް އަދި މެދުތެރޭގެ ރަށެއް ކަމަށްވާ ޔަޒްދަށް ވެސް އެމެރިކާގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯރްމުޒް ކަނޑުއޮޅި ކައިރީގައިވާ ހޯރްމުޒްގާން ޕްރޮވިންސަށް ދިން ހަމަލާތަކުގައި ތިން މީހުން މަރުވެ، އަށް މީހުން ވަނީ ޒަޚަމްވެފައެވެ.
މީގެ އިތުރުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވަނީ ހޯރްމުޒް ކަނޑުއޮޅީގައި އޮތް ތެޔޮ އުފުލާ ދެ ޓޭންކަރެއް މައިންގައި ޖެހި ގޮވައިފާވާ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އީރާނުގެ މި ދައުވާ ދޮގުކޮށްފައެވެ.
މި ހާދިސާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ނުހަނު ބޮޑަށް ނުތަނަވަސްވެފައެވެ.