ކުޅިވަރު

ގަލޮޅު ދަނޑުގައި އޭދަފުށިން މާލެ ބަލިކޮށްފި

ގަލޮޅު ދަނޑުގައި އޭދަފުށިން މާލެ ބަލިކޮށްފި

ހިލޭ ޖެހުން ކާމިޔާބު ކުރުމަށްފަހު އޭދަފުށީގެ އަހުމަދު އައިހަމް އުފާފާޅުކުރަނީ--- ފޮޓޯ: ސިޑިބަރި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ޑިސެމްބަރު 2024، 09:23

02 ޑިސެމްބަރު 2024، 09:23

ހުލާސާ

ގްރޫޕް-ބީގެ އެއްވަނަ ކަނޑައެޅިގެން ދިޔަ މި މެޗު އޭދަފުށިން ކާމިޔާބުކުރީ 2-0 އިން.

އޭދަފުއްޓަށް މިހާރު ގްރޫޕްގެ އެއްވަނަ ޔަގީންވެފައިވާއިރު، ގްރޫޕް ފޭސް-2 ގައި އެ ޓީމު ހިމެނޭ ގްރޫޕަށް ދެން ދަތުރު ކުރާނީ، ގްރޫޕް-އޭގެ ދެވަނަ ޓީމާއި ގްރޫޕް-ޑީގެ 3 ވަނަ ޓީމް.

ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި މާލޭގެ މައްޗަށް އޭދަފުށިން ކުރި ހޯދައިފިއެވެ. ގްރޫޕް-ބީގެ އެއްވަނަ ކަނޑައެޅިގެން ދިޔަ މި މެޗު އޭދަފުށިން ކާމިޔާބުކުރީ 2-0 އިންނެވެ.

މި މެޗުން ލިބުނު 3 ޕޮއިންޓާއެކު އޭދަފުއްޓަށް ވަނީ ޖުމްލަ 9 ޕޮއިންޓު ލިބިފައެވެ. އަދި ގްރޫޕްގެ ދެވަނަ ޔަގީންވެފައިވާ މާލެއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. މި ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރާނެ 3 ވަނަ ޓީމެއް ކަނޑައެޅިގެން ދާނީ މިއަދު ހަވީރު ތިމަރަފުއްޓާއި ތުޅާދޫ ބައްދަލުކުރާ މެޗަށްފަހުއެވެ. މި ދެ ޓީމު މިހާތަނަށް 2 މެޗު ކުޅެފައިވާއިރު، އެއްވެސް ޓީމަކަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި އޭދަފުށިން ވަނީ ފުރަތަމަ ހާފުގައި ލީޑު ނަގާފައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ، މާލޭގެ ގޯލު ކައިރިން ލިބުނު ހިލޭ ޖެހުމަކުން، ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ އަހުމަދު އައިހަމްއެވެ. 

އޭދަފުށިން އެ ޓީމުގެ ލީޑު ފުޅާކުރީ ދެވަނަ ހާފުގައި މުހައްމަދު ފާސިރު ކާމިޔާބުކުރި ގޯލަކުންނެވެ. އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ފާސިރު ވަނީ ތިމަރަފުށްޓާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް 2 ގޯލު ކާމިޔާބުކޮށްފައެވެ.

އޭދަފުއްޓަށް މިހާރު ގްރޫޕްގެ އެއްވަނަ ޔަގީންވެފައިވާއިރު، ގްރޫޕް ފޭސް-2 ގައި އެ ޓީމު ހިމެނޭ ގްރޫޕަށް ދެން ދަތުރު ކުރާނީ، ގްރޫޕް-އޭގެ ދެވަނަ ޓީމާއި ގްރޫޕް-ޑީގެ 3 ވަނަ ޓީމެވެ. ނަމަވެސް މި ގްރޫޕްތަކުގެ މެޗުތައް އަދި ނިމިފައި ނުވާތީ، މި ޖާގަތައް ކަނޑައެޅިގެން ދާނީ ކުރިޔަށް އޮތް ދުވަސްތަކުގައެވެ. 

މި ލިޔުން ކިޔާލުމުން