ޚަބަރު
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފި
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް އަމްޖަދު މުޞްޠަފާ ޢައްޔަންކުރެއްވުން
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި އަމްޖަދު މުޞްޠަފާއަށް މަޤާމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. މަޤާމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަމްޖަދު މުޞްޠަފާއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އަކީ ތަޢުލީމީ ގޮތުން ޝަރީޢާއާއި ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ވެސް ފުރިހަމަކުރައްވާފައެވެ.
ޤާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން މުއްސަނދި ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ އަމްޖަދު މުޞްޠަފާ ވަނީ މީގެ ކުރިންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން 2020 ވަނަ އަހަރު ކުރައްވާފައެވެ. އަދި އެމަނިކުފާނަކީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.