ކޮލަމް

މަސްޓޭންކާއި މައިކްރޯވޭވް އަވަނުންވެސް ވައިފައި ސިގްނަލަށް ހުރަސްއަޅާ

މަސްޓޭންކާއި މައިކްރޯވޭވް އަވަނުންވެސް ވައިފައި ސިގްނަލަށް ހުރަސްއަޅާ

މަސްޓޭންކް އަދި އަވަން ރައުޓަރ ކައިރީގައި ފޮޓޯ؛ އޭއައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޖުލައި 2026، 01:23

23 ޖުލައި 2026، 01:23

މިއަދުގެ ދުނިޔެ ހިނގަމުންދަނީ ވައިފައި ގެ އެހީގައެވެ. ނަމަވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބޭނުންކުރާ އާދައިގެ ކަންކަމުގެ ސަބަބުން ވައިފައި ސިގްނަލަށް ބޮޑެތި ބުރޫތަކެއް އަރައެވެ. މީގެ ތެރޭގައި އަޅުގަނޑުމެން މެންދުރު ކެއުމަށް ތައްޔާރުކުރާ ކާތަކެތިވެސް ހިމެނެއެވެ.

އެލެކްސް ހިލްސް އަކީ މި ދާއިރާގެ އިސް ބޭފުޅެކެވެ. 1993 ވަނަ އަހަރު، އެމެރިކާގެ ކާނެގީ މެލަން ޔުނިވަރސިޓީގައި އެންމެ ފުރަތަމަ ބޮޑު ވައިފައި ނެޓްވޯކެއް އުފެއްދި ޓީމު އިސްކޮށް ބަލަހައްޓަވީ އޭނާއެވެ. އޭނާ ލިޔުއްވާފައިވާ "ވައިފައި އެންޑްދަ ބޭޑްބޯއިޒް އޮފް ރޭޑިއޯ" ފޮތުގައި ވައިފައިއަށް ހުރަސްއަޅާ ކަންތައްތަކަށް "ބޭޑް ބޯއީސް" ގެ ނަމުން ނިސްބަތްކުރައްވާފައިވެއެވެ. މި "ބޭޑް ބޯއީސް" ތަކަކީ އަޅުގަނޑުމެންގެ ގޭތެރޭގައި ހުރެ، ސިގްނަލަށް ހުރަސްއަޅާ ތަފާތު ވަސީލަތްތަކެވެ. ބޯ ފާރުތަކަކީ ހައިރާންވާންޖެހޭ ކަމަކަށް ނުވިޔަސް، ބައެއް ކަންކަމަކީ ވަރަށް އާދަޔާޚިލާފު ކަންކަމެވެ.

މައިކްރޯވޭވް އަވަން

އޮސްޓްރޭލިއާގެ ފަލަކީ އިލްމުވެރިންނަށް 17 އަހަރުގެ ދިގު މުއްދަތަކަށް ފެންނަމުންދިޔަ ސިއްރުވެރި ރޭޑިއޯ ސިގްނަލްތަކެއްގެ އަސްލަކީ، އެ ބޭފުޅުން މަސައްކަތްކުރައްވާ އޮފީހުގައި ހުރި މައިކްރޯވޭވް އަވަނެއްކަން ފަހުން ވަނީ ދެނެގަނެވިފައެވެ. ވައިފައި ނެޓްވޯކްތައް މަސައްކަތްކުރަނީ ރޭޑިއޯ ރާޅުބާނިތަކުގެ ޒަރީއާއިންނެވެ. އާންމުގޮތެއްގައި ގިނަ ފްރީކުއެންސީތަކަކީ ފުލުހުންގެ ޚިދުމަތާއި ވައިގެ ދަތުރުފަތުރު ފަދަ ދައުލަތުގެ މުހިންމު ދާއިރާތަކަށް ޚާއްޞަކުރެވިފައިވާ ފްރީކުއެންސީތަކެކެވެ. ނަމަވެސް، 2.4 GHz އަކީ އާންމުކޮށް ވައިފައި އާއި ބްލޫޓޫތު ފަދަ ވަސީލަތްތަކުގައި ބޭނުންކުރާ ފްރީކުއެންސީއެކެވެ. ދިމާވި އިއްތިފާގަކީ، މައިކްރޯވޭވް އަވަނުން ކާތަކެތި ހޫނުކުރުމަށް ބޭނުންކުރަނީވެސް ހަމަ މި ފްރީކުއެންސީ ކަމަށް ވުމެވެ. ބާވެ ހަލާކުވެފައިވާ މައިކްރޯވޭވްތަކުން ނުވަތަ އަވަން ހުޅުވާލާ ވަގުތުތަކުގައި މި ސިގްނަލްތައް ބޭރުވުމުގެ ސަބަބުން ވައިފައި ސިގްނަލްތަކަށް ހުރަސްއެޅެއެވެ. މީގެ އިތުރުން، ފްލޮރެސެންޓް ބޮކިތަކާއި ކާރުގެ އިގްނީޝަން ނިޒާމުތަކުގެ ސަބަބުންވެސް މިފަދަ ސިގްނަލްތަކަށް އުނދަގޫތަކާ ދިމާވެއެވެ.

މަސްޓޭންކު

މަސްޓޭންކަކީވެސް ވައިފައި ސިގްނަލަށް ބުރޫއަރުވާ މައިގަނޑު އެއް ވަސީލަތެވެ. ވައިފައި ސިގްނަލް އެއްޗެއްގެ ތެރެއިން ދަތުރުކުރާއިރު އޭގެ ބާރު ދަށްވުމަށް ކިޔަނީ "ޝެޑޯވިންގ"  އެވެ. ފެނުގެ މޮލިކިއުލްތަކަކީ ދަމާބާރެއް ނުވަތަ މެގްނެޓެއް ފަދައިން މަސައްކަތްކޮށް، ސިގްނަލްގެ ބާރު ދަމައިގަންނަ އެއްޗެކެވެ. އެހެންކަމުން، ރައުޓަރާއި ބޭނުންކުރާ ފަރާތާ ދެމެދު މަސްޓޭންކެއް ހުރިނަމަ، އެ ސަރަހައްދެއްގައި ސިގްނަލް ކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، ގައު ފާރާއި ކޮންކްރީޓަކީވެސް ސިގްނަލް ދަތުރުކުރުމަށް ހުރަސްއަޅާ ތަކެތި ނަމަވެސް، ލަކުޑި ފަދަ ތަކެތީގެ ތެރެއިން ސިގްނަލް ވަރަށް ފަސޭހައިން ދަތުރުކުރެއެވެ.

ލޯގަނޑު

ރޭޑިއޯ ރާޅުތަކަކީ އަލީގެ ބާވަތަކަށް ވުމުން، ލޯގަނޑާއި ޓީވީ ފަދަ އޮމާން ތާފާތު ސަތަހަތަކުގައި ޖެހުމުން ސިގްނަލް ރިފްލެކްޓްވެ ނުވަތަ ބައުންސްވެއެވެ. ގޭގެ ވަކި ހިސާބަކަށް ސިގްނަލް ލިބުމުގައި ދަތިތަކެއް އުޅޭނަމަ، ރައުޓަރާއި ތިޔަބޭފުޅުންނާ ދެމެދު ބޮޑު ލޯގަނޑެއް ނުވަތަ ޓީވީއެއް ހުރިތޯ ބަލާލުން މުހިންމެވެ.

މޫސުން

ސްނޯ ފޭބުމާއި، އާދަޔާޚިލާފަށް ފިނިވުމުގެ ސަބަބުން ކޭބަލްތަކުގެ އެތެރޭގައި ހުންނަ މެޓަލްއަށް ގެއްލުންވެ ސިގްނަލް ކެނޑުމަށް މެދުވެރިވެއެވެ. ހަމައެފަދައިން، ގަދަ ހޫނަކީވެސް މައްސަލަތައް ދިމާވާ ކަމެކެވެ. މޫސުމީ އެކި ބަދަލުތަކުގެ ސަބަބުން ވައިފައިގެ ޚިދުމަތަށް ބުރޫއަރައެވެ. މީގެ އިތުރުން، ގޭގައި އުޅޭ ހުރިހާ އެންމެން އެއްފަހަރާ އިންޓަރނެޓް ބޭނުންކުރުމަކީވެސް ނެޓްވޯކް ލަސްވާން މެދުވެރިވާ ސަބަބެކެވެ.


ސިގްނަލް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން:

  • ރައުޓަރު ގޭގެ މެދުގައި އަދި ވީހާވެސް އުސް ތަނެއްގައި ބެހެއްޓުން.
  • ރައުޓަރާއި ބޭނުންކުރާ ޑިވައިސްއާ ދެމެދު ހުރަސްތައް މަދުކުރުން.
  • ވައިފައި އެކްސްޓެންޑަރ  ބޭނުންކުރުން.
  • "މެޝް ނެޓްވޯކް"  އެއް ބޭނުންކޮށްގެން ގޭގެ ހުރިހާ ދިމާލަކަށް ސިގްނަލް ފޯރުކޮށްދިނުން.
  • މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކަމާބެހޭ ކުންފުނިތަކަށް ބާރުއެޅުން.


                    

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450