Ads by Farudhun

ޚަބަރު

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ގާނޫނު އެކުލަވާލައި، ބޮޑެތި އަދަބުތަކެއް ކަނޑައަޅައިފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ގާނޫނު އެކުލަވާލައި، ބޮޑެތި އަދަބުތަކެއް ކަނޑައަޅައިފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖުލައި 2026، 09:25

24 ޖުލައި 2026، 09:25

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެކަމަށް ޚާއްސަ ގާނޫނެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ. މި ގާނޫނަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވޭ އިރު، މި ގާނޫނުގެ ދަށުން ގުނަވަން ބަދަލުކުރުމުގެ ޝަރުތުތަކާއި، ހުއްދަ ނެގުމުގެ އުސޫލުތަކުގެ އިތުރުން ނާޖާއިޒު ފައިދާ ނަގާ ފަރާތްތަކަށް ދޭނެ ހަރުކަށި އަދަބުތައް ވަނީ ތަފްސީލުކޮށްފައެވެ.

މި ގާނޫނުގެ ދަށުން ރާއްޖޭގައި ހުއްދަ ކުރަނީ ހަމައެކަނި "ލައިވް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް" ނުވަތަ ދިރިހުރި މީހަކު އަމިއްލަ އިޚްތިޔާރުގައި ހަދިޔާކުރާ ގުނަވަން ބަދަލުކުރުމަށެވެ. މީހަކު މަރުވުމަށްފަހު ގުނަވަން ނަގައިގެން ކުރާ "ޑިސީސްޑް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް" ކުރުމަކީ މި ގާނޫނުގެ ދަށުން ރާއްޖޭގައި މަނާކަމެކެވެ.

މި ގާނޫނުގެ ދަށުން ޓްރާންސްޕްލާންޓް ކުރެވޭނީ އިންސާނާގެ ހަށިގަނޑުގައި އެއްވައްތަރެއްގެ ދެ ގުނަވަން ހުންނަ ގުނަވަންތަކާއި، ގުނަވަނުން ބައެއް ނެގުމަށްފަހު އަމިއްލައަށް އަލުން އުފެދޭ (ރީޖަނަރޭޓްވާ) ގުނަވަންތަކެވެ. ނަމަވެސް، މީހެއްގެ އޯވަރީ ނުވަތަ ޓެސްޓިކަލް ފަދަ ގުނަވަންތައް ޓްރާންސްޕްލާންޓް ކުރުމަކީ މި ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.

ގުނަވަން ހަދިޔާކުރާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުގެ މައުލޫމާތު އެނގި ހުރެ، އަމިއްލަ އިޚްތިޔާރުގައި އެކަމަށް ރުހުން ދިނުން ހިމެނެއެވެ. މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި، ކުށެއްގެ ތުހުމަތުގައި ނުވަތަ ހުކުމެއް ތަންފީޒުކުރަމުންދާ މީހުންނަށް ގުނަވަން ހަދިޔާ ނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނު ބައްޓަންކޮށްފައިވަނީ އާއިލީ ގުޅުން އޮންނަ ފަރާތްތަކުގެ މެދުގައި ގުނަވަން ބަދަލުކުރުމަށް އިސްކަންދޭ ގޮތަށެވެ. އަދި ގުނަވަނުގެ ވިޔަފާރިކުރުމަކީ ހަރުކަށިކޮށް މަނާކޮށްފައިވާ ކަމެކެވެ. ގުނަވަން ދިނުމުގެ ބަދަލުގައި އެއްވެސް މާލީ މަންފާއެއް ހޯދުމަކީ ނުވަތަ ދިނުމަކީ ބޮޑު ކުށެކެވެ.

މި ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބުތައް:

  • ރުހުމާ ނުލައި ގުނަވަން ނެގުން: 150,000 އާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން. މިފަދަ ކަމެއް ސިއްހީ މަރުކަޒަކުން ކޮށްފިނަމަ 750,000 އާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
  • ގުނަވަން ގަނެވިއްކުން: ގުނަވަނެއް ވިއްކި ނުވަތަ ގަތް މީހަކު 75,000 އާއި 150,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 6 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ. މިކަމުގައި އެހީތެރިވާ ސިއްހީ ޚިދުމަތްތެރިންނާއި މަރުކަޒުތަކަށް މިއަށްވުރެ ބޮޑެތި ޖޫރިމަނާތަކާއި ޖަލު އަދަބުތައް ވަނީ ކަނޑައަޅާފައެވެ.
  • ހުއްދަނެތި ޚިދުމަތް ދިނުން: ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ނެތި ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ޚިދުމަތް ދޭ ސިއްހީ މަރުކަޒުތައް 2 މިލިއަނާއި 3 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ސައްހަ ނޫން މައުލޫމާތު ހުށަހަޅާ މަރުކަޒުތައް 1 މިލިއަނާއި 2 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވެސް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450