ދީން / ޚަބަރު

މަސްއޫލިއްޔަތު އަދާކުރުމާއި ޢަދުލުވެރިވުމަކީ މުޖުތަމަޢުގެ ބަދަހިކަމުގެ އަސްލު

މަސްއޫލިއްޔަތު އަދާކުރުމާއި ޢަދުލުވެރިވުމަކީ މުޖުތަމަޢުގެ ބަދަހިކަމުގެ އަސްލު

މަސްއޫލިއްޔަތު އަދާކުރުމާއި ޢަދުލުވެރިވުމަކީ މުޖުތަމަޢުގެ ބަދަހިކަމުގެ އަސްލު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖުލައި 2026، 01:15

24 ޖުލައި 2026، 01:15

އިސްލާމީ މުޖުތަމަޢެއްގެ އެއްބައިވަންތަކަމާއި ތަރައްޤީ ބިނާވެގެންވަނީ ކޮންމެ ފަރުދަކުވެސް އެމީހެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކޮށް، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަޞޭޙަތްތެރިވެއްޖެއެވެ.

ދިވެހިރާއްޖޭގެ އެކިކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ މަސްއޫލިއްޔަތު އަދާކުރުމާއި އަމާނާތްތެރިކަމުގެ މައްޗަށެވެ. ޚުޠުބާގައި ބަޔާންކުރި ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެވެސް ދީނީ އަދި ޤައުމީ ވާޖިބެކެވެ. ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގެ މާނައިގައިވާ ފަދައިން، ކޮންމެ މީހަކީވެސް ބެލެހެއްޓުންތެރިއެކެވެ. އެގޮތުން ވެރިންނާއި، މައިންބަފައިންނާއި، ވަޒީފާ އަދާކުރާ މީހުންނާއި، ޚާދިމުންވެސް އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ކަންކަމާ މެދު ޤިޔާމަތް ދުވަހުން ސުވާލުވެވޭނެކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ޚުޠުބާގައި ވަނީ ޢަދުލުއިންޞާފުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައެވެ. ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަން ފާހަގަކުރައްވައި، ރަސޫލާ ﷺ ގެ ޒަމާނުގައި ހިނގި ހާދިސާއެއް ހަނދާންކޮށްދިނެވެ. ޤުރައިޝު ވަންހައިގެ ޝަރަފުވެރި އަންހެނަކު ވައްކަން ކުރުމުން، އޭނާއަށް އަދަބު ނުދިނުމަށް އެދި ބައެއް ބޭފުޅުން ދެންނެވުމުން، ރަސޫލާ ﷺ ކޯފާއިސްކުރައްވައި ޙަދީޘްކުރެއްވީ އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވި ކަމުގައި ވިޔަސް، ޙައްދު ޤާއިމުކުރައްވާނެ ކަމަށެވެ. މިއީ އިސްލާމްދީނުގައި ޢަދުލުވެރިވުމަށް އޮތް ބާރުގަދަ އަމުރެއްކަން ޚުޠުބާގައި ބަޔާންކުރިއެވެ.

މީގެ އިތުރުން، އަޅުގަނޑުމެން އަދާކުރާ ވަޒީފާއަކީ އަމާނާތެއްކަން ފާހަގަކޮށް، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަނީ ގޮވާލާފައެވެ. ފުރިހަމަ މުސްލިމަކީ ތިމާގެ އަމިއްލަ ފައިދާއަށްވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހާ ކަމަށާއި، އަމާނާތްތަކަށް ޚިޔާނާތްތެރި ނުވުމަށް މާތް الله ވަނީ އަމުރުކުރައްވާފައެވެ.

ޚުޠުބާ ނިންމާލަމުން ނަޞޭޙަތްތެރިވީ، ޤައުމުގެ ކުރިއެރުމާއި ތަރައްޤީ ބިނާވެގެންވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކޮށް، ދެކޮޅުވެރިކަމާއި އަރައިރުންތަކުން ދުރުހެލިވެގެން ކަމަށެވެ. ޤިޔާމަތް ދުވަހުން ތިމާގެ ޢުމުރާއި، ޢިލްމާއި، މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުކުރެވޭނެތީ، އެކަމަށް ތައްޔާރުވުމަށް ހުރިހާ މުސްލިމުންނަށް ވަޞިއްޔަތް ކުރިއެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450