ޚަބަރު
އަންނަ ދިރާސީ އަހަރަށް ސަރުކާރު ސްކޫލުތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި
އަމީރު އަހުމަދު ސްކޫލްގެ ދަރިވަރުންތަކެއް ފޮޓޯ: ވުޒާރާ
އަންނަ އާ ދިރާސީ އަހަރު ސަރުކާރުގެ ސްކޫލުތަކަށް ކުދިން ވެއްދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި، ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކަކަށް އަލަށް ކުދިން ވައްދަން އެދޭ ފޯމު އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ. ސްކޫލުތަކުން ޖާގަ ހޯދުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ ފަހު ދުވަހެވެ.
މި ފޯމު ހުށަހަޅާއިރު ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ފޯމު ފުރުމަށް ބޭނުންކުރާ އީމެއިލް އެޑްރެހާއި ފޯނު ނަންބަރަކީ ބެލެނިވެރިޔާގެ ރަސްމީ މައުލޫމާތުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވޭނެ މައުލޫމާތެވެ. އަދި މި މައުލޫމާތުތައް ކުއްޖާ ވައްދާ ސްކޫލަކާ ހިއްސާކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
2027 ވަނަ އަހަރުގެ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކަށް ކުދިން ވައްދަން ހުޅުވާލުން.
— Ministry of Edu, Higher Edu and Skills Development (@MoEdumv) July 23, 2026
ސަރުކާރު ސްކޫލްތަކަށް އެލް.ކޭ.ޖީ އަދި ގްރޭޑް 1 ށް ކުދިން ވެއްދުމަށް އެދި ހުށަހަޅާ ފޯމްގެ ލިންކް:https://t.co/ADwiSfBkM7 pic.twitter.com/0VS8E0YZaL
ދިރާސީ ކަލަންޑަރުގައިވާ ގޮތުން، މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން މި މަހުގެ 16 ވަނަ ދުވަހު ވަނީ ނިމިފައެވެ. ދަރިވަރުން މިހާރު މިދިޔަ 17 ވަނަ ދުވަހުން ފެށިގެން ޗުއްޓީ ހޭދަކުރަމުންދާއިރު، ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ 2 ވަނަ ދުވަހުއެވެ.
މި އަހަރުގެ ކިޔެވުން އެއްކޮށް ނިމި، ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު މަހުގައެވެ. އެގޮތުން ޑިސެންބަރު 18 ގައި މި އަހަރުގެ ކިޔެވުން ނިމޭއިރު، އަންނަ އާ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ތާވަލުކޮށްފައިވަނީ 17 ޖަނަވަރީ 2027 ގައެވެ.