ދުނިޔެ
ބަންގްލަދޭޝްގެ ރައީސް އިސްތިއުފާ ދެއްވުމަށް ތައްޔާރުވަނީ
ބަންގްލަދޭޝްގެ ރައީސް. ފޮޓޯ: ބީބީސީ
ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން މަގާމުން އިސްތިއުފާ ދެއްވުމަށް ތައްޔާރުވަމުންދާ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފިއެވެ.
އޭނާއަކީ ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާގެ އަރިސް ބޭފުޅެއްކަމަށް ބެލެވޭއިރު، މަގާމުން އިސްތިއުފާ ދިނުމަށް ރައީސް ޝަހާބުއްދީން ނިންމަވާފައިވަނީ، ޝައިޚް ހަސީނާ އަނބުރާ ގައުމަށް އަންނާނެކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ކުރި މުޒާހަރާތަކަކާއި ގުޅިގެން ގައުމުން ފިލައިގެން ވަޑައިގެންނެވި ޝައިޚް ހަސީނާ ވަނީ، މަރުގެ ހުކުމް އައި ނަމަވެސް އޭނާ އަނބުރާ ގައުމަށް އަންނާނެ ކަމަށް ވިދާޅުވެފައެވެ.
ޝައިޚް ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު، ވެރިކަންކުރާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީގެ ފަރާތުން ދަނީ، ރައީސް ޝަހާބުއްދީން މަގާމުން އިސްތިއުފާ ދިނުމަށް ބާރުއަޅަމުން ކަމަށް ބީބީސީ ބަންގްލާ ގައި ރިޕޯޓްކޮށްފައިވެއެވެ.
އަދި މި ރިޕޯޓުތައް ބުނާ ގޮތުގައި، އޭނާ ވެރިކަމުން އިސްތިއުފާދިނުމުގެ ސިޓީ ހުށަހަޅުއްވާނީ އެ ގައުމުގެ ޕާލިމެންޓުގެ ރައީސް ޙާފިޒް އުއްދީން އަހުމަދަށެވެ. ބޭސްފަރުވާގެ ކަމެއްގައި ޕާލިމެންޓުގެ ރައީސް ޙާފިޒް އުއްދީން އަހުމަދު މިހާރު ހުންނެވީ ތައިލެންޑުގައެވެ.
ޝަހާބުއްދީން މަގާމުން އިސްތިއުފާދެއްވާނެ ސަބަބަކީ އޭނާގެ ބަލިހާލަތު ހުރިގޮތް ކަމަށް ލަފާކުރެވޭ ކަމަށާއި، އޭނާ މަގާމުން އިސްތިއުފާދެއްވާނީ ހުކުރު ދުވަހުގައިކަމަށް އޭނާގެ ސްޕޯކްސްޕާސަން ވަނީ ރޮއިޓަރސްއަށް ކަށަވަރުކޮށްދީފައެވެ.
އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްއިން ވަނީ، މިދިޔަ އަހަރު ބަންގްލަދޭޝްގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން 1400 އެއްހާ މީހުން މަރުވެފައިވަނީ، ޝައިޚް ހަސީނާ އެމީހުނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން ކަމަށް ނިންމާފައެވެ. އަދި މި ކަމާއި ގުޅިގެން އެ ކޯޓުން ވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވަވާފައެވެ.
ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން މަގާމުން އިސްތިއުފާދެއްވައިފިނަމަ، އައު ރައީސެއް ހޮވުމަށް 90 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަންޖެހޭނެއެވެ.