ދުނިޔެ
ޢަރަބި އަދި އިސްލާމީ ޤައުމުތަކުން، ޔަހޫދީން އަޤްޞާއަށް ވަދެގަތް މައްސަލަ ކުށްވެރިކޮށްފި
އަލްއަޤްޞާ މިސްކިތް، ފޮޓޯ: އިންޓަނެޓް
ޢަރަބި އަދި އިސްލާމީ ގައުމުތައް ހިމެނޭހެން 8 ގައުމަކުން، ޔަހޫދީން ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ އަލްއަޤްޞާ މިސްކިތުގެ ތެރެއަށް ވަދެގަތް މައްސަލަ ކުށްވެރިކޮށްފިއެވެ.
މިސްރި، އިންޑޮނޭޝިޔާ، ޖޯރްޑަން، ޕާކިސްތާން، ޤަތަރު، ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޚާރިޖީ ވަޒީރުން ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓެއްގައި ވަނީ، އިޒްރާއީލުގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
އިޒްރާއިލުގެ މި އަމަލުގެ ސަބަބުން، އިތުރަށް ނަފްރަތު އުފެދުމަށް މަގުފަހިވާ ކަމަށާއި، ޞުލްޙައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅިގެންދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިއީ ތާރީޚީ އަދި ގާނޫނީ ހާލަތު ބަދަލުކުރުމަށް ޓަކައި އިޒްރާއިލުން ހިންގި ޣައިރުޤާނޫނީ އަމަލެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޔަހޫދީންގެ ޢީދެއް ކަމަށްވާ "ތިޝާ ބީއާވް" ފާހަގަކުރުމުގެ ނަމުގައި މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން ބޮޑެތި ގްރޫޕުތަކަށް ބަހާލައިގެން އިސްރާއީލުގެ ވަޒަންވެރިން އަލްއަޤްޞާ މިސްކިތުގެ ތެރެއަށް ވަދެގަންނަމުން ދިޔައެވެ. އެގޮތުން 4200 އަށްވުރެ ގިނަ ޔަހޫދީ ވަޒަންވެރިންވަނީ، އެ ތަނަށް ގަދަބާރުން އަރައިގަނެފައެވެ.
މި އަމަލުތައް ހިންގަމުންދިޔައިރު، އިސްރާއީލުގެ ސިފައިން ވަނީ، ފަލަސްޠީނުގެ މުސްލިމުން އަލްއަޤްޞާ މިސްކިތަށް ވަނުން މަނާކޮށްފައެވެ. މިހުރަސްތައް ނައްތާލުމަށް، ޢަރަބި އަދި އިސްލާމީ ގައުމުތަކުން ނެރުނު ބަޔާނުގައި ގޮވާލާފައިވެއެވެ.
މީގެއިތުރުން، ޔަހޫދީން މުސްލިމުންގެ މުޤައްދަސް ތަންތަނުގައި ހިންގަމުންދާ މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މި ބަޔާނުގައި ގޮވާލާފައިވެއެވެ.