ޚަބަރު
2023 ވަނަ އަހަރު ތަރައްޤީކުރި އަމީނީ މަގުގެ މަރާމާތު އަންނަ ހަފްތާގައި ފަށަނީ
އަމީނީ މަގުން މަރާމާތު ކުރަން ޖެހިފައި އޮތް ހިސާބެއް / ފޮޓޯ: ޕީއެސްއެމް
2023 ވަނަ އަހަރު ތާރު އަޅައިގެން ތަރައްޤީކުރި އަމީނީ މަގުގެ އެކި ސަރަޙައްދުތަކުން ތާރުގަނޑު އުފުލި، މަގު ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން އެ މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ނިންމައިފިއެވެ.
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޖެނަރަލް މެނޭޖަރު އިބްރާހީމް ޙަސަން ވިދާޅުވީ، އަމީނީ މަގުގެ މަރާމާތުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅާފައިވެއެވެ. މި މަސައްކަތުގެ ބޮޑުބައެއް ނިންމައި ފުރަތަމަ ހުޅުވާލީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި މުޅި މަޝްރޫޢު އެއްކޮށް ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.
ނަމަވެސް، މަގު ހުޅުވާލިތާ ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ އެކި ތަންތަނުން ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. ވަކިން ޚާއްޞަކޮށް މަގުގެ ހުޅަނގަށްވީ ބައި ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، މިދިޔަ އަހަރުގެ ކުރީކޮޅުވެސް މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ ބައެއްގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ޓެކްނިކަލް މާހިރުން ފާހަގަކުރާ ގޮތުގައި، މިހާ އަވަހަށް ތާރުގަނޑު ހަލާކުވާން ދިމާވި މައިގަނޑު ސަބަބަކީ ތާރު އެޅުމަށްފަހު، އެ އެއްކޮށް ހިކި ހަރުލުމުގެ ކުރިން އުޅަނދުފަހަރަށް މަގު ހުޅުވާލުމެވެ. މީގެ ސަބަބުން މަގު ބޭނުންކުރާ ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދެއެވެ.
މި ސަރުކާރުން އަމާޒު ހިފާފައިވަނީ އަމީނީ މަގުގެ މަރާމާތުގެ މަސައްކަތްތައް އަވަހަށް ނިންމައި، އާންމުންނަށް ލުއިފަސޭހަ މަގަކަށް އެ މަގު ހެދުމަށެވެ.