ޚަބަރު
އިޤުތިޞާދީ ދަތިތަކާއެކުވެސް ސަރުކާރުން މިދަނީ ހެޔޮވެރިކަމުގެ ސިފަ ދަމަހައްޓަމުން: ނައިބު ރައީސް
ތަރައްޤީކޮށްފައިވާ ބޮޑުތަކުރުފާނު މަގު / ފޮޓޯ: އެމްޓީސީސީ
ޤައުމަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިތަކާއެކުވެސް، ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ލާބައަށް ސަރުކާރުން ދެމުންދާ އަހަމިއްޔަތުކަމަކީ މި ސަރުކާރުން ހެޔޮވެރިކަމެއް ކުރަމުންދާކަމުގެ އަލިގަދަ ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ފަރެސްމާތޮޑާއަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް، ހުވަދޫ ބަހުރުވައިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސިޓީގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުޅުވާލުމަކީ މާލެއަށް ލަފާފުރާ މީހުންނަށާއި، މާލޭގެ ޓްރެފިކް ފްލޯއަށް ލިބިގެންދިޔަ ބޮޑު ލުޔެއް ކަމަށެވެ. މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތެރެއިން ގެނެވުނު ތާރީޚީ މުހިންމު އަދި ބޮޑު ބަދަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ނައިބު ރައީސްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، އިޤުތިޞާދީ ގޮތުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަން ދެއްވަނީ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން ރައްޔިތުންނާ ސީދާގޮތުން ގުޅިފައި އޮތް މިފަދަ މަޝްރޫޢެއް ކުރިޔަށް ގެންދެވީތީ ނައިބު ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
ރައްޔިތުނެ ބޭނުންވެގޮހޯ ތެއި މިކަހަލައި މުހިއްމު ތަރައްގީގެ މަޝްރޫޢު ތަކާއި އެކު ގައުމާ ބިނާ ކެރަންނަ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޢިއްޒު ދެނެ އިސްކަމާއި އަހައްމިއްޔަތަޓެ އެމަނިކުފާނަޓެ ޝުކުރެ އަދާކެރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފު ވިދާޅުވިއެވެ.
މާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަޙައްދުގެ މަގުތައް ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމި މަގު ހުޅުވާލުމާއެކު، އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް މިހާރު ދަނީ ލިބެމުންނެވެ.