ޚަބަރު
ކުޑަފަރީ ސިއްޙީ މަރުކަޒުގެ މަޝްރޫޢުގައި މިހާރު ކުރިޔަށްދަނީ ބުޑުތަކަށް ކޮންކްރީޓު އެޅުމުގެ މަސައްކަތް
ކުޑަފަރީ ސިއްޙީ މަރުކަޒުގެ މަސައްކަތް ކުރިޔަށްދަނީ / ފޮޓޯ: އެމްޓީސީސީ
ނ. ކުޑަފަރީ ސިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކުރިއަށްގެންދާ އައު އިމާރާތުގެ މަސައްކަތުގެ ތެރެއިން، އިމާރާތުގެ ބުޑުތަކަށް ކޮންކްރީޓް އެޅުމުގެ މަރުހަލާ މިހާރު ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަން ނުވަތަ ބުޑުތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމަށެވެ.
ޖުމްލަ 27.6 މިލިއަން ރުފިޔާގެ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢު ނިމުމުން، ކުޑަފަރީގެ ރައްޔިތުންނަށް ދެމުންދާ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، އެކަށީގެންވާ ޖާގައާއި ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރައްވައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި