ޚަބަރު
ނިޝާން ޢިއްޒުއްދީން ޢިއްޒަތް، ޑޮކްޓަރ މުޙައްމަދު ލަޠީފަށް އަރުވައިފި
ނިޝާން އިއްޒުއްދީންގެ އިއްޒަތް ޑޮކްޓަރ މުޙައްމަދު ލަޠީފަށް އަރުވަނީ---
ރާއްޖެއަށް ތައުލީމީ ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، މ. ކިނބި، ޑޮކްޓަރ މުޙައްމަދު ލަޠީފަށް، ދިވެހި ދަޢުލަތުގެ މަތިވެރި އިއްޒަތް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އަރުވައިފިއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ޑޮކްޓަރ މުޙައްމަދު ލަޠީފަށް މި ލަޤަބު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ޑޮކްޓަރ މުޙައްމަދު ލަޠީފް އަކީ 40 އަހަރަށްވުރެ ދިގުމުއްދަތެއްގައި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއްކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ވާއިރު، އެމަނިކުފާނު އެންމެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވަނީ ރާއްޖޭގެ ތައުލީމީ ދާއިރާއަށެވެ. އެގޮތުން، އެ ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށާއި، ރާއްޖޭގެ ތައުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށާއި، ރާއްޖޭގައި މަތީ ތައުލީމުގެ ދާއިރާ ހަރުދަނާކޮށް ފުޅާކުރެއްވުމަށް ކުރެއްވި ތަޢުރީފު ހައްޤު މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
ކޮޅުމަޑުލު ކިނބިދުއަށް އުފަން ޑޮކްޓަރ މުޙައްމަދު ލަޠީފް ވަނީ ދައުލަތުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، 11 ނޮވެމްބަރު 1993 ގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ 3 ވަނަ ރިޔާސީ ދައުރުގައި، އެމަނިކުފާނު ވަނީ އެޑިޔުކޭޝަން މިނިސްޓަރުގެ މަޤާމަށް އައްޔަނުކުރެވިފައެވެ. މިއީ އެމަނިކުފާނު ފުރުއްވި އެންމެ އިސް މަޤާމެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެމަނިކުފާނު 22 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާއިރު، އެ ދާއިރާގެ ކުރިއެރުމަށް ވަނީ ތަފާތު އެކި ރޮނގުތަކުން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން، ތައުލީމީ މުވައްސަސާތައް އުފެއްދެވުމަށް އެމަނިކުފާނު ކުރެއްވި ގިނަގުނަ މަސައްކަތްޕުޅުތަކާއި، ކިޔަވައިދިނުމުގެ މަންހަޖު އެކުލަވާލާ މުދައްރިސުން ތަމަރީނުކުރުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މުދައްރިސުން ތަމަރީނުކުރުމުގެ މަސައްކަތްކުރައްވާ ހާއްސަ މަރުކަޒެއްގެ ގޮތުގައި އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ އުފެދިގެންދިޔުމުގައްޔާއި، އޭގެ ފަހުން މުދަރިއްސުން ތަމްރީނުކުރުމަށްޓަކައި އަލަށް ޤާއިމުކުރެވުނު މުދައްރިސުންގެ ތައުލީމީ މަރުކަޒު އުފެދިގެންދިޔުމުގައްޔާއި، މޯލްޑިވްސް ސެންޓަރ ފޯ މެނޭޖްމެންޓް އެންޑް އެޑްމިނިސްޓްރޭޝަން އުފެދި ތަރައްޤިކުރެވިގެން ދިއުމުގައި ވެސް އެމަނިކުފާނު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
1995 ވަނަ އަހަރުން 2005 ވަނަ އަހަރަށް ކަނޑައެޅިގެންދިޔަ އެޑިޔުކޭޝަނަލް މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގައި، އެޑިޔުކޭޝަން މިނިސްޓަރުގެ ހައިސިއްޔަތުން އަދި ވަޒީރުންގެ ކޮމިޓީގެ ޗެއާމަންގެ ހައިސިއްޔަތުން ޑޮކްޓަރ މުޙައްމަދު ލަޠީފް ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން، މާސްޓަރ ޕްލޭން އެކުލަވާލުމުގެ ފަންނީ ޓީމުގައި ތަޖުރިބާކާރެއްގެ ގޮތުގައި އެމަނިކުފާނު އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ. ދެވަނަ އެޑިޔުކޭޝަނަލް މާސްޓަރ ޕްލޭން އެކުލަވާލުމުގެ މޭސްތެރިއެއްގެ ގޮތުގައި ވެސް ހުންނެވީ މުޙައްމަދު ލަޠީފު ކަމަށްވާއިރު، އެމަނިކުފާނުގެ އަމިއްލަފުޅު އިސްނެންގެވުމުގެ ދަށުން އެ ޕްލޭން ވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ތަންފީޒުކުރައްވަން ފަށްޓަވާފައެވެ.
ރާއްޖޭގެ ސާނަވީ ތައުލީމު ފުޅާކުރައްވާ ރާއްޖޭގައި މަތީ ތައުލީމުދެއްވަން ފަށްޓަވައި މުޅި ތައުލީމީ ދާއިރާ އައު ހަރުފަތަކަށް ގެންދެވުމުގައި ޑޮކްޓަރ މުޙައްމަދު ލަޠީފްގެ ދައުރު މުހިންމެވެ. ތައުލީމީ ދާއިރާގެ ފެންވަރު ހަރުދަނާކުރެއްވުމަށް ޓަކައި، "ބިލްޓްއިން ސުޕަވިޝަން ސިސްޓަމް" އެއް ގާއިމުކުރެއްވުމަކީ މީގެތެރެއިން ފާހަގަކޮށްލެވޭ އެއް ކަމެވެ. މީގެ އިތުރުން، ރާއްޖޭގެ ފުރަތަމަ ކޮލެޖު، "މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން" 1998 ވަނަ އަހަރު ގާއިމުވެގެންދިޔައިރު، އެޑިއުކޭޝަން މިނިސްޓަރުގެ ހައިސިއްޔަތުން ޑޮކްޓަރ މުޙައްމަދު ލަޠީފް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
އެމަނިކުފާނަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ޚިދުމަތްކުރައްވާ، އެ ދާއިރާއިން ވެސް ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ 3 ވަނަ ސެކްރެޓަރީކަމާއި، 2002 އޮކްޓޫބަރު 9 އިން ފެށިގެން 2007 އޮކްޓޯބަރު 23 އަށް، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމު ވެސް ޑޮކްޓަރ މުޙައްމަދު ލަޠީފް ފުރުއްވިއެވެ. އެ މަޤާމުގައި ހުންނެވިއިރު، އެމަނިކުފާނު އެންމެ ކުޑަކޮށް ތަރައްޤިވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވައިގެން އޮމާންކަމާއެކު ބަދަލުވުމުގެ އިސްތިރާޖު ފަރުމާކުރައްވާ، އެ އިސްތިރާޖު ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ރާއްޖޭގައި ސިވިލް ސާވިސް ކޮމިޝަން ޤާއިމުކުރުމުގައި ވެސް އެމަނިކުފާނު އިސް ދައުރެއް އަދާކުރައްވާފައިވާއިރު، ފަހުން އެ ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގައި ސިވިލް ސާވިސް ހަރުދަނާކުރުމަށް ޑޮކްޓަރ މުޙައްމަދު ލަޠީފް ހާއްސަ އިސްކަމެއްދެއްވިއެވެ.
ޑޮކްޓަރ މުޙައްމަދު ލަޠީފް ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ މަޖީދިއްޔާ ސުކޫލުން ތައުލީމު ހާސުލުކުރެއްވުމަށްފަހު، 18 މެއި 1973 ގައި، މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ އިންގިރޭސި ކާތިބު ކަމުގެ މަގާމުންނެވެ. އެމަނިކުފާނު އެންމެ ފަހުން އަދާކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސިލަރ ކަމުގެ މަޤާމެވެ.
އެމަނިކުފާނުވަނީ އިނގެރޭސިވިލާތުގެ ވޭލްސްއިން، އެޑިއުކޭޝަނަލް ޕްލޭނިންގްގެ ރޮނގުން 1992 ވަނަ އަހަރު ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.
ޑޮކްޓަރ މުޙައްމަދު ލަޠީފަށް، ދިވެހި ދަޢުލަތުގެ މަތިވެރި އިއްޒަތް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެމަނިކުފާނަކީ، ރާއްޖޭގެ ތައުލީމި ދާއިރާއަށާއި، ރާއްޖޭގެ ތައުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައްގެންނެވުމަށާއި، އެ ނިޒާމު ބައްޓަންކުރެއްވުމަށް ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.