ޚަބަރު
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތް، އުއްޗުއަށް އަރުވައިފި
ނިޝާން އިއްޒުއްދީންގެ އިއްޒަތް އުއްޗުއަށް އަރުއްވާފައި---
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، މއ. ޗަމްޕާމާގެ، މުޙައްމަދު މޫސާ (އުއްޗު) އަށް އަރުވައިފިއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން އުއްޗުއަށް، މި ލަޤަބު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ޒުވާން އުމުރުފުޅަކުން ފެށިގެން ވެސް އުއްޗު ފެނިގެންދޮސްފައިވަނީ ވަރަށް ބޭފުޅެއްގެ ގޮތުގައެވެ. ހާއްސަކޮށް، ތުއްޕުޅުއިރުއްސުރެ ހިތްޕުޅުގައި ވަރަށްބޮޑު ވިޔަފާރީގެ ދާއިރާއިން ކުރިއަށްދިއުމަށް ޝައުޤުވެރިވެލައްވާ ބޭފުޅެއްގެ ގޮތުގައި އުއްޗު ވަނީ ފާހަގަވެގެންގޮސްފައެވެ.
މުޙައްމަދު މޫސާ ވަނީ މާލޭގެ މަޖީދިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު ޢާއިލާގެ އެހީތެރިކަމާއެކުގައި، އިންޑިއާގެ ޓެމިލްނާޑޫގެ ޢުމަރު އާބާދުގައި ހުންނަ ޖާމިޢާ ދާރުއްސަލާމުން ތައުލީމު ހާސިލު ކުރައްވާފައެވެ. އެތަނުގައި ތައުލީމު ހާސިލުކުރައްވަމުން ގެންދެވިއިރު، އުއްޗުވަނީ، ހިންދީބަހާއި، އުރުދޫބަސް ވަރަށް ރަނގަޅަށް ދަސްކުރައްވާފައެވެ. އެއަށްފަހު، ކޮއިންބަތޫރަށް ވަޑައިގަންނަވާ، ތަފާތު މަސައްކަތްތައް ދަސްކުރެއްވިއެވެ. އެގޮތުން، އެތަނުގެ ބައެއް ކާރުޚާނާތަކުގައި ޚިދުމަތް ކުރައްވައި، އެކިއެކި މަސައްކަތް ދަސްކުރައްވައި، އެކި ރޮނގުރޮނގުން، އުއްޗު ތަޖުރިބާ ހާސިލު ކުރެއްވިއެވެ. އަދި އެއަށްފަހު ރާއްޖެ ވަޑައިގަންނަވާ ދަސްކުރެއްވި މަސައްކަތްތަކުން އާމްދަނީ ހޯއްދެވުމުގެ މަސައްކަތް ފެށްޓެވިއެވެ.
އެމަނިކުފާނުގެ ހިތްޕުޅުގައި ޝައުގުވެރިކަން އުފެދިފައިވުމުގެ ސަބަބުން، އިގުތިސާދީ އެކިއެކި މަސައްކަތްތަކުގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. ދަނޑުވެރިކަމަކީ އެގޮތުން ވަރަށް ކުރައްވާހިތްޕުޅުން ކުރައްވަން ފެށްޓެވި މަސައްކަތެކެވެ. އަމިއްލަފުޅަށް ފެށްޓެވި މި މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަވާ، ގިނަ ބަޔަކަށް އެ މަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ. އަދި މީގެއިތުރުން، ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން ގެންދިޔަ ފަރާތްތަކަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާ، ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރުއްވާ، އެ ތަކެއްޗަށް އެކަށީގެންވާ އަގެއް ލިބޭނެ އިންތިޒާމު މުޙައްމަދު މޫސާ ހަމަޖެއްސެވިއެވެ.
މުޙައްމަދު މޫސާއަކީ، ސަރުކާރުގެ އެގްރިކަލްޗަރ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ކުރައްވައިފައިވާ ބޭފުޅެއް ކަމަށްވާއިރު، 1996 ވަނަ އަހަރު އެމަނިކުފާނަށް ސަރުކާރުން ވަނީ "ތިމާވެށީގެ ފެހިފަތް" އަރުއްވާފައެވެ. "ތިމާވެށީގެ ފެހިފަތް" ލިބިލެއްވީ އެމަނިކުފާނު ދަނޑުވެރިކަމުގައި ގަސްގަހާގެއްސާ ގުޅޭ މަސައްކަތް ކުރައްވައިގެނެވެ.
ފަތުރުވެރިކަމުގެ ވިޔަފާރިތަކަށާއި، އާންމު ރައްޔިތުންނަށް، ކާބޯތަކެތި އަދި ތަފާތު ބާވަތްތަކުގެ ބެވަރެޖްތައް ފޯރުކޮށްދެއްވުމަށް ޓަކައި މުޙައްމަދު މޫސާ މިހާރު ވެސް ގެންދަވަނީ، "ޗަމްޕާ ހޯލްސޭލް" ވިޔަފާރި ޤާއިމުކުރައްވައި ޚިދުމަތް ދެއްވަމުންނެވެ.
މީގެ އިތުރުން، މާލެ އަތޮޅު ތުނބަށްފުށީގައި ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި އުފައްދާ ގަސްކާނާ މާލޭގެ ބާޒާރުގައި ވިއްކަވަމުން ގެންދަވައެވެ. އަދި އެ ރަށުގައި އިންޑަސްޓްރިއަލް މަސައްކަތްތަކާއި، ބޯޓުޔާޑެއް ވެސް އެމަނިކުފާނު ހިންގަވަމުން ގެންދަވައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް ޓަކައި މިހާރު ވެސް މުޙައްމަދު މޫސާ ގެންދަވަނީ ގަދައަޅައި މަސައްކަތް ކުރައްވަމުންނެވެ. ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޔަތު ތަރައްޤީވެގެން އައުމުގައި އެމަނިކުފާނުގެ ހިއްސާ ވަރަށް ބޮޑުއިރު، އެއީ މިފާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އަދި މި ދާއިރާގައި އެމަނިކުފާނު ކުރައްވަވާފައިވާ އިންވެސްޓްމަންޓުތަކުގެ މަންފާ މިހާރު ވެސް ދިވެހި އާއިލާތަކަށް ދަނީ ލިބެމުންނެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަމިއްލަ ބްރޯޑްކާސްޓިންގ ސްޓޭޝަން ކަމަށްވާ "ދި އެފް.އެމް." އާއި، "ދި އެފް.އެމް. ޕްލަސް" ގެ އިތުރުން، "ދި ޓީ.ވީ." ގެ ބާނީއަކީ ވެސް މުޙައްމަދު މޫސާ ކަމަށްވާއިރު، މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން އުފެއްދެވި ބްރޯޑްކާސްޓިންގ ސްޓޭޝަންތަކެކެވެ.
އަދި މީގެއިތުރުން، މުޙައްމަދު މޫސާގެ އަލިފުޅު ތުއްތުއަށް ނިސްބަތްކުރައްވާ އުފައްދަވާފައިވާ އަލިފުޅު ތުއްތު ފައުންޑޭޝަން (އޭއެޕްޓީއެފް) ގެ ދަށުން، ކޮންމެ އަހަރަކު ސްކޮލަރޝިޕްގެ ފުރުސަތު ދެއްވާ، މުޖުތަމައަށް ފައިދާކުރަނިވި ތަފާތު މަޝްރޫއުތައް ހިންގަވާފައިވެއެވެ. އެގޮތުން، އެމަނިކުފާނުގެ ވިޔަފާރީގެ ދަށުން ހިންގެވި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުގެ ތެރޭގައި، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމާއި، ޅ. މަޑިވަރު ޑޮމެސްޓިކް އެއަރޕޯޓް ޤާއިމުކުރެއްވުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ އިޤުތިޞާދީ އަދި މާލީ ދާއިރާގެ ކުރިއެރުވުމަށް ޓަކައި، "މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ" އާއި، "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް" ޤާއިމު ކުރެއްވުމުގައި، މުޙައްމަދު މޫސާގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ. އަދި އެމަނިކުފާނުގެ ވިޔަފާރީގެ ބައިވެރިންނާ ގުޅިވަޑައިގެން، އުފެއްދެވި ޓާޝަރީ ލެވެލްގެ ހޮސްޕިޓަލެއް ކަމަށްވާ، ޓްރީޓޮޕް ހޮސްޕިޓަލް، ޤާއިމުކުރައްވާ ހިދުމަތްދެއްވަން ފަށްޓަވާފައިވާއިރު، އެއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑު ކުރިއެރުމެކެވެ.
2013 ޖުލައި 26 ގައި މުޙައްމަދު މޫސާއަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ވަނީ އަރުއްވާފައެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އެހެން އެވޯޑުތަކުގެ ތެރޭގައި، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުފުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ޓޫރިޒަމް ގޯލްޑް އެވޯޑާއި، ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑްސްގެ "ފޭސް އޮފް ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑް" ހިމެނެއެވެ.