ވިޔަފާރި / ޚަބަރު
ކުޅުދުއްފުށި ސިޓީގައި ޕިކްޕޯސްޓުގެ ޚިދުމަތް ތަޢާރަފްކޮށްފި
ކުޅުދުއްފުށި ސިޓީގައި ޕިކްޕޯސްޓުގެ ޚިދުމަތް ތަޢާރަފްކުރުން ފޮޓޯ: ޕޯސްޓް
މޯލްޑިވްސް ޕޯސްޓުގެ ޚިދުމަތްތައް ޒަމާނީކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި "ޕިކްޕޯސްޓު" ގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް ޕޯސްޓުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޚިދުމަތް އަލަށް ތަޢާރަފްކުރުމާ ގުޅިގެން ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީސް މިހާރު ވަނީ އެރަށު ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު، ޕޯސްޓް ކުރުމާއި ޕާރުސަލް ނެގުމުގެ އިތުރުން ޕޯސްޓުގެ އެހެނިހެން ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އަލަށް ފެށި ޕިކްޕޯސްޓް ޚިދުމަތުގެ އެންމެ ބޮޑު ބޭނުމަކީ ޕާރުސަލް ނެގުމަށް ކިއުގައި މަޑުކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމެވެ. މި ނިޒާމުގެ ދަށުން، ޕާރުސަލް ބަލައި ދިއުމަށް މޯލްޑިވްސް ޕޯސްޓުން ފޮނުވާ މެސެޖުގައި ބަޔާންކޮށްފައިވާ ވަގުތުތަކުގެ ތެރެއިން، ކަސްޓަމަރުންނަށް އެންމެ ފަސޭހަ ވަގުތެއްގައި ޕާރުސަލާ ހަވާލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ބަދަލުތަކާއެކުވެސް، ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީސް މެދުވެރިކޮށް ރާއްޖޭގެ އެކި ރަށްތަކަށާއި ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ޕާރުސަލް ފޮނުވުމުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެއެވެ. މީގެއިތުރުން، ދިވެހި އުފެއްދުންތެރިންނަށް ޚާއްސަކޮށްފައިވާ "ރަށު އޮންލައިން ފިހާރަ" ނުވަތަ "ކޮމިއުނިޓީ އޮންލައިން ޝޮޕް" މެދުވެރިކޮށް ތަކެތި ވިއްކުމުގެ ފުރުސަތާއި، އެ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް ރައްދުކޮށްދިނުމުގެ އެހީތެރިކަންވެސް ޕޯސްޓު އޮފީހުން ފޯރުކޮށްދޭނެއެވެ.
މޯލްޑިވްސް ޕޯސްޓުން އިތުރަށް ވިދާޅުވީ، ޕޯސްޓުގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް ކުރަމުންދާ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ވިޔަފާރި ފަހިކޮށްދޭ މައިގަނޑު އެއް މުއައްސަސާގެ ގޮތުގައި އެ ކުންފުނިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި މިއީ ޚިދުމަތްތައް ޒަމާނީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރައްވައެވެ.