ވިޔަފާރި / ޚަބަރު
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ ޖޫރިމަނާކުރެވޭ ގޮތަށް ބޭހާ ބެހޭ އައު ޤަވާއިދު އެކުލަވާލައިފި
ބޭސްވިއްކާ ފާމަސީއެއް ފޮޓޯ: ގޫގުލް
ހުއްދަނެތި ރާއްޖެއަށް ބޭސް އެތެރެކުރާ ފަރާތްތައް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ފަރާތެއްގެ ލައިސަންސް ހިފެހެއްޓޭ ގޮތަށް ބޭހާ ބެހޭ އައު ޤަވާއިދު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އެކުލަވާލައިފިއެވެ. މި ޤަވާއިދަކީ ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ރައްކާކުރުމާއި އަދި ވިއްކުމުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.
މި ޤަވާއިދުގެ ދަށުން، ރާއްޖެއަށް އިމްޕޯޓުކޮށް ވިއްކުމަށް ހުއްދަދޭ ބޭސްތަކުގެ ރަޖިސްޓްރީއެއް ނުވަތަ ލިސްޓެއް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެއެވެ. މި ރަޖިސްޓްރީ މަދުވެގެން އަހަރަކު އެއްފަހަރު މުރާޖަޢާ ކުރަންޖެހޭއިރު، އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެ ބަދަލެއް ގެނައި ތާރީޚު އެނގޭނޭހެން އަދާހަމަކުރަންވާނެއެވެ. މި ރަޖިސްޓްރީގައި ނުހިމެނޭ ބޭހެއް އެތެރެކުރުމަކީ ނުވަތަ އެތެރެކުރަން އުޅުމަކީވެސް މަނާކަމެކެވެ. ރަޖިސްޓްރީގައި ހިމެނޭނީ ޑޮކްޓަރީ ބޭހާއި، ދިވެހި ބޭހުގެ އިތުރުން އޯލްޓަނޭޓިވް ބޭސްތަކެވެ.
ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންޓްރޯލްޑް ޑްރަގްސްއާ ގުޅޭ އެންމެހައި މުޢާމަލާތްތައް ކުރަންވާނީ އެމް.އެފް.ޑީ.އޭ އިން ދޫކުރާ ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ. އަދި ބޭސް އުފައްދާ ފަރާތްތަކުން ފެށިގެން ފާމަސީތަކާ ހަމައަށް ހުރިހާ ފަރާތްތަކަކީ އެމް.އެފް.ޑީ.އޭ ގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަކަށް ވާންޖެހެއެވެ. މީގެއިތުރުން، ބޭސް ރައްކާކުރާ ގުދަންތަކުގެ ތަފުސީލު ކޮންމެ 6 މަސް ދުވަހަކުން ހުށަހަޅަންޖެހޭނެއެވެ.
ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި، އެޢަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ލިބިފައިވާ ހުއްދަ 14 ދުވަހާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމުގެ ބާރުވެސް އޮތޯރިޓީއަށް ލިބިގެންވެއެވެ. ބޭސް ރަޖިސްޓްރީކުރަން ދޮގު މަޢުލޫމާތު ދީފިނަމަ، އެ ކުންފުންޏެއް ބްލެކްލިސްޓް ކުރެވޭނެއެވެ.
ފާމަސީތަކާ ގުޅޭގޮތުން ޤަވާއިދުގައި ބުނަނީ، ރަޖިސްޓްރީ ކުރުމަށްފަހު 6 މަސް ދުވަސްވާއިރު ޚިދުމަތް ނުފަށާނަމަ ނުވަތަ ޚިދުމަތް ދެމުންދަނިކޮށް 3 މަސް ދުވަހަށްވުރެ ގިނަ ދުވަހު ފާމަސީ ބަންދުކޮށްފައި ބަހައްޓައިފިނަމަ ހުއްދަ ބާޠިލުވާނެ ކަމަށެވެ. އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާ ފަރާތްތަކަށް 3 މަސް ދުވަހުގެ ބޭސް އެތެރެކުރެވޭއިރު، މެޑިކަލް ރިކޯޑާއެކު 6 މަސް ދުވަހުގެ ބޭސް އެތެރެކުރުމުގެ ފުރުޞަތު އޮންނާނެއެވެ.
މި ޤަވާއިދަށް ޢަމަލުކުރަން ފަށާނީ ގެޒެޓުކުރާ ތާރީޚުން ފެށިގެން 90 ދުވަސް ހަމަވުމުންނެވެ. އެ މުއްދަތަށްފަހު، މިހާރު ބޭސް އެތެރެކުރާ ފަރާތްތަކާއި ފާމަސީތަކުން އަލުން ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.