ޚަބަރު
މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުމާއި ކުޅިވަރުތައް މިރޭ ޖުމްހޫރީ މައިދާނުގައި!
މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުމެއް ފޮޓޯ: އެޑިޝަން
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ކުޅިވަރުތަކާއި އަސްކަރީ ހިނގާލުން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ. ޖުމްހޫރީ މައިދާނުން ފަށާ މި ހިނގާލުމުގައި އެމް.އެން.ޑީ.އެފް ބޭންޑާއެކު ޖުމްލަ ހަ ގެމައަކުން ބައިވެރިވާނެއެވެ. މި ހިނގާލުމުގެ ތެރެއިން ސިފައިންގެ ތަފާތު ކޯރތަކާއި ޚިދުމަތްތައް އާންމުންނަށް ދައްކާލުމަށް ވަނީ ރޭވިފައެވެ.
އަސްކަރީ ލަޝްކަރު މާލޭގެ ހަތަރު ސަރަހައްދެއްގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ސަރަހައްދުތަކަކީ:
- މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ހިސާބުން އާޓިފިޝަލް ބީޗް ސަރަހައްދު.
- އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކުރިމަތި.
- އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމަތި.
- ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމަތި.
މި ސަރަހައްދުތަކުގައި ލަޝްކަރު މަޑުކުރާ ވަގުތުތަކުގައި ސިފައިންގެ ބޭންޑުން ތަފާތު ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިރޭގެ ހަރަކާތްތަކުގެ ތެރޭގައި ޤައުމީ ކެޑޭޓު ކޯގެ ޕެރޭޑާއި، ސްކޫލުތަކުގެ ފަރާތުން ހުށަހަޅައިދޭ ކުޅިވަރުތަކާއި ސަޤާފީ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ. މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން މަޢުލޫމާތު ދެއްވި ގޮތުގައި، ރާއްޖޭގެ މަޝްހޫރު ނަށާ ގްރޫޕުތަކާއި ބޮޑުބެރު ގްރޫޕުތަކުގެ ފޯރިގަދަ ހުށަހެޅުންތައް ވެސް މި މިނިވަން ދުވަހުގެ މައިދާނީ ހަރަކާތްތަކުގެ ތެރެއިން ފެނިގެންދާނެއެވެ.