Ads by Farudhun

ޚަބަރު

ސިފައިންގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވައިފި

ސިފައިންގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވައިފި

މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 ޖުލައި 2026، 10:42

27 ޖުލައި 2026، 10:42

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރުގެ މަސައްކަތްތައް ހިނގާ ގޮތް ބައްލަވާލައްވައި، ތަނުގެ ވަސީލަތްތައް ބައްލަވާލައްވާފައެވެ.

މި އިމާރާތުގެ ބިންގާ އަޅާފައިވަނީ 24 ޖޫން 2022 ގައެވެ. ނަމަވެސް، ތަފާތު ސަބަބުތަކާހެދި މި މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށްފަހު، މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މުހިންމު މަސައްކަތެއް ކުރާ މަރުކަޒަކަށް ވާތީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ މި މަސައްކަތް އަލުން ފަށައި އަވަހަށް ނިންމުމަށް ބާރުއަޅުއްވާފައެވެ. އަދި އެ މަނިކުފާނު ވަނީ މި މަޝްރޫޢަށް ޖަޕާނު ސަރުކާރުން ކަނޑައެޅި ފަންޑުގެ އިތުރުން ބޭނުންވި އިތުރު ފަންޑު ދައުލަތުގެ ބަޖެޓުން ހަމަޖައްސަވާފައެވެ.

މި އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ޔުނައިޓެޑް ނޭޝަންސް ރެސިޑެންޓް ކޯޑިނޭޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެމްއާރުސީސީގެ ނަން ކަޝްފުކޮށްދެއްވުން / ފޮޓޯ: ރައީސުލްޖުމްހުރިއްޔާގެ އޮފީސް

ޒަމާނީ ޓެކްނޮލޮޖީއާއެކު ތަރައްޤީކޮށްފައިވާ މި އައު އިމާރާތުގައި އޮޕަރޭޝަން ރޫމަކާއި، ކުލާސްރޫމްތަކާއި، އޮޑިޓޯރިއަމެއް ހިމެނެއެވެ. މި ސެންޓަރަށް ބޭނުންވާ ބައެއް މުހިންމު އާލާތްތަކާއި ވަސީލަތްތައް ހަދިޔާކޮށްފައިވަނީ އޮސްޓްރޭލިއާ ސަރުކާރުންނެވެ.

އެމްއާރުސީސީއަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކޯޑިނޭޓްކޮށް ކޮމާންޑްކުރާ މައި މަރުކަޒެވެ. ކަނޑުމަތީގެ ހާދިސާއެއްގެ ރިޕޯޓު ލިބޭ ހިސާބުން ފެށިގެން، މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ހުރިހާ މަސައްކަތެއް ކުރިއަށްގެންދާނީ މި ސެންޓަރުގެ ބެލުމުގެ ދަށުންނެވެ. މީގެ އިތުރުން، ކަނޑާއި ވައިގެ މަގުން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގައިވެސް މައިގަނޑު އޮޕަރޭޝަން ސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ އެމްއާރުސީސީންނެވެ.

މި މަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އެހީގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ. ރާއްޖެއަކީ ޖަޒީރާ ޤައުމަކަށް ވެފައި، ކަނޑުގެ ސަރަހައްދު ބޮޑުވުމާއެކު، މި ސެންޓަރަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނުހަނު ބޮޑު އަދި މުހިންމު ޒިންމާއެއް އަދާކުރާނެ ތަނެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450