ޚަބަރު
2021 ވަނަ އަހަރު 65 އަހަރުން މަތީގެ މީހުން އެންމެ ގިނައިން ނިޔާވެފައިވަނީ ކޮވިޑް 19 ޖެހިގެން
އުމުރުން ދުވަސްވީ ދެމީހަކު އުނދޯންޏެއްގައި އިށީނދެލައިގެން. ފޮޓޯ:މިހާރު
2021 ވަނަ އަހަރުން ދިވެހިރާއްޖެއިން 65 އަހަރުން މަތީގެ މީހުން އެންމެ ގިނައިން ނިޔާވެފައިވަނީ ކޮވިޑް 19 ޖެހިގެން ކަމަށް މޯލްޑިވްސް ބިޔުރޯ އޮފް ސްޓެޓިކްޓިކްސް އިން ހާމަކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
އެބިޔުރޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރު ނިޔާވި 65 އަަހަރުން މަތީގެ އަންހެނުންނާއި ފިރިހެނުންވެސް އެެންމެ ގިނައިން ނިޔާވެފައިވަނީ ކޮވިޑް 19 ޖެހިގެނެވެ.
65 އަހަރުން މަތީގެ އަންހެނުންނާއި ފިރިހެނުން ދެވަނަ އަށް އެންމެ ގިނައިން ނިޔާވެފައިވަނީ ހިތުގެ އެކިއެކި ބަލިތަކުގައެވެ. 65 އަހަރުން މަތީގެ ފިރިހެނުން ތިންވަނައަށް އެންމެ ގިނައިން ނިޔާވެފައިވަނީ އިސްކީމިކް ހިތުގެ ބަލިތަކުގައެވެ. އެއުމުރުގެ އަންހެނުން ތިންވަނަ އަށް އެންމެ ގިނައިން ނިޔާވެފައިވަނީ އެހެނިހެން ބެކްޓީރިއަލް ބަލިތަކުގައެވެ.
2021 ވަނަ އަހަރު 18 އަަހަރާއި 64 އަހަރާއި ދެމެދުގެ މީހުންގެ މަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެއުމުރުގެ އަންހެނުންނާއި ފިރިހެނުންވެސް އެންމެ ގިނައިން ނިޔާވެފައިވަނީ ކޮވިޑް 19 ގައި ކަން ފާހަގަކޮށްލަން ޖެހެއެވެ.
އެއުމުރުގެ ފިރިހެނުން އެންމެ ގިނައިން ނިޔާވެފައިވަނީ އިސްކެމިކް ހިތުގެ ބަލިތަކުގައެވެ. އެއުމުރުގެ އަންހެނުން އެންމެ ގިނައިން ނިޔާވެފައިވަނީ ސިކުނޑީގެ ލޭހޮޅިތަކާއި ގުޅުން ހުރި ބަލިތަކުގައެވެ. އެއުމުރުގެ ފިރިހެނުންނާއި އަންހެނުން ތިންވަނައަށް އެނެްމެ ގިނައިން ނިޔާވެފައިވަނީ ތަފާތު އެކި ބާވަތްތަކުގެ ހިތުގެ ބަލިތަކުގައެވެ.
2021 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 5 އަަހަރުން ދަށުގެ ފިރިހެން ކުދިން އެންމެ ގިނައިން ނިޔާވެފައިވަނީ ނުރައްކާތެރި ހާދިސާތަކުގައި ގެނބިގެނެވެ. އެއުމުރުގެ އަންހެން ކުދިން އެންމެ ގިނައިން ނިޔާވެފައިވަނީ ތަފާތު ބެކްޓީރިއަލް ބަލިތަކުގައެވެ.
އެއުމުރުގެ ފިރިހެން ކުދިން ދެވަނަ އަށް އެންމެ ގިނައިން ނިޔާވެފައިވަނީ އެކިކަހަލަ އަނިޔާލިބިގެނެވެ. އެއުމުރުގެ އަންހެން ކުދިން ދެވަނަ އަށް އެންމެ ގިނައިން ނިޔާވެފައިވަނީ ކޮވިޑް 19 ގައެވެ. މިއުމުރުގެ ކުދިންގެގެ ތެރެއިން ތިންވަނައަށް އެންމެ ގިނައި ފިރިހެން ކުދިން ނިޔާވެފައިވަނީ އެކްސިޑެންޓް ތަކުގައި ކަމަށާއި އަންހެން ކުދިން އެންމެ ނިޔާވެފައިވަނީ ކިޑްނީގެ ވަކި ބަޔަކަށް ޖެހޭ ބަލިތަކުގައި ކަމަށް ސްޓެޓިކްޓިކްސް ބިޔުރޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.