ދުނިޔެ
ޕާކިސްތާނުގައި ފެން ބޮޑުވެ، މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް
ޕާކިސްތާނުގައި ފެން ބޮޑުވެފަ. ފޮޓޯ: އަލްޖަޒީރާ
މޫސުމީ ވިއްސާރައިގެ ސަބަބުން ޕާކިސްތާނަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، 100 އަށްވުރެ ގިނަ މީހުން އެ ގައުމުން މަރުވެއްޖެއެވެ.
އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގައި މިހާތަނަށް 107 މީހުން މިކަމާ ގުޅިގެން މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ ނެޝެނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރުވީ، ގެތަކުގެ ފުރާޅުތަކުގެ ދަށުވެގެންކަން އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އެންމެ ގިނައިން މީހުން މަރުވެގެން ރިޕޯޓުކޮށްފައިވަނީ ކައިބަރ ޕަޚްތޫންޚުވާއިން ކަމަށްވާއިރު، އެއީ 55 މަރެވެ. ދެވަނައަށް އެންމެ ގިނައިން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ޕުންޖާބު އަވަށުންނެވެ. އެއީ 36 މަރެވެ.
މި ހަފްތާ ތެރޭގައި އަދި އިތުރަށް މޫސުން ގޯސްވާނެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ލަފާކޮށްފައިވާއިރު، 344 މީހުންނަށް އެކިކަހަލަ ޒަޚަމުތައް މިކަމާއި ގުޅިގެން ލިބިފައިވެއެވެ. އަދި އެތައް ސަތޭކަ ގެއަކަށް ވަނީ މި ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެފައެވެ.
ޕާކިސްތާނުގެ ޕުންޖާބު އަވަށުގެ ވެރިރަށް ލާހޫރުގައި، ފެން ބޮޑުވުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ 17 "ފްލަޑް ރިލީފް ކޭމްޕް" ގާއިމުކޮށް، މީހުން ހުސްކޮށްފައިވާ ގެތަކުގެ މީހުނަށް އެތަނުން ހިޔާވަހިކަން ދީފައިކަމަށް އެ ގައުމުގެ މީޑިޔާތަކާ ހަވާލީ އަލްޖްޒީރާއިން ބުނެއެވެ.
ޕުންޖާބު އަވަށުގެ ޗީފް މިނިސްޓަރ ވަނީ ކުއްލި ހާލަތުގައި ހަރަކާތްތެރިވާނެ ފަރާތްތައް މިހާރު ޕްރޮވިންސްތަކަށް ފޮނުވާފައިވާކަމަށާއި، އެ ޓީމުތަކުން ދަނީ ފެން ހިންދުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރަމުން ކަމަށް ވިދާޅުވެ، އެ ޔަގީންކަންދެއްވާފައެވެ. މީގެ އިތުރުން، އެގައުމުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ، ތިރި ސަރަހައްދުތަކުގައި ނުތިބުމަށް އާމުންނަށް އިލްތިމާސްކުރަމުންނެވެ.
މީގެ ކުރިން 2025 ވަނަ އަހަރު ވެސް ޕާކިސްތާނުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ 1000 އަށްވުރެ ގިނަ މީހުން އެ ހާދިސާގައި މަރުވެފައެވެ. އަދި 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވިއިރު، އެތައް ދަނޑުތަކެއް ވެސް ވަނީ ހަލާކުވެފައެވެ.