Ads by Farudhun

ޚަބަރު

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި "މިނިވަން ރަން" ކާމިޔާބުކަމާއެކު ނިންމާލައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި "މިނިވަން ރަން" ކާމިޔާބުކަމާއެކު ނިންމާލައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި "މިނިވަން ރަން" ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2026، 08:01

27 ޖުލައި 2026، 08:01

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން "މިނިވަން ރަން"ގެ ނަމުގައި ބޭއްވި ޚާއްޞަ ދުވުމުގެ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ މި ހަރަކާތަކީ ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއާއި "ވީރަން މޯލްޑިވްސް" ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ. މި ދުވުމުގައި ހުރިހާ އުމުރުފުރައެއްގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.

މި ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މި ރަން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫހު އާލާކޮށް، އެންމެން ގުޅިގެން އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. މީގެ އިތުރުން، ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމަކީ ވެސް މިފަދަ ހަރަކާތެއް އިންތިޒާމުކުރުމުގެ މުހިންމު ބޭނުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއީ ސިއްހަތަށްވެސް ފައިދާހުރިކަމެއް. އެހެންވީމައި ނުދުވެވޭ ބޭފުޅުން ހިނގާލުމަކީވެސް މުހިންމުކަމެއް. އެހެންކަމުން މިފަދަ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަޤްސަދުގައި މި ދުވުން އަޅުގަނޑުމެން މި އިންތިޒާމު މިކުރީ. މިއަދަކީ ދުވުމެއް ހިނގާލުމެއް ބޭއްވުމަށް ވަރަށް ރަނގަޅުވެސް ދުވަހެއް. އެހާ އަވިގަދަވެސް ދުވަހެއް ނޫން. އެހެންވީމައި ވަރަށް ފަސޭހަވެސްވާނެ،

      ވަޒީރު ހީނާ 

5 ކިލޯމީޓަރުގެ މި ދުވުމަށްފަހު، ބައިވެރިން ވަނީ އެ ފަރާތްތަކުގެ ތަޖުރިބާއާއި ޝުއޫރުތައް މީޑީއާއަށް ހިއްސާކޮށްފައެވެ. އެގޮތުން، މިފަދަ މުނާސަބަތުތަކާ ގުޅުވައިގެން ދުވުމުގެ ހަރަކާތްތައް ރޭވުމުގެ މުހިންމުކަން ބައިވެރިން ފާހަގަކުރިއެވެ. އަދި އާއިލާއާއި ރައްޓެހިންނާއެކު މިފަދަ ގޮތަކަށް ވަގުތު ހޭދަކޮށްލަން ފުރުސަތު ލިބުމަކީ ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމެއްގެ ގޮތުގައި ބައިވެރިން ބުނެފައިވެއެވެ.

މިނިވަން ރަން ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، މި ރަންގައި ބައިވެރިވި ހުރިހާ ދުވުންތެރިންނަށް ހާއްސަ ބެޖެއް ވަނީ ދީފައެވެ. ވީރަން މޯލްޑިވްސްއިން މައުލޫމާތު ދޭ ގޮތުގައި، އަންނަ އަހަރު ރާއްޖޭގެ އެހެން ސިޓީތަކަށްވެސް މި ހަރަކާތް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450