ޚަބަރު
ބޭހާ ބެހޭ ޤަވާއިދަށް ގެނައި އިސްލާހާއެކު އާންމު ފިހާރަތަކުންނާއި އޮންލައިކޮށް ބޭސް ވިއްކުން މަނާވާނެ
ފޮޓޯ: އޯޓީސީ މޯލްޑިވްސް
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ ނެތި އާންމު އެއްވެސް ފިހާރައެއްގައި ބޭސް ވިއްކުމާއި، އޮންލައިންކޮށް ބޭސް ވިއްކުން މަނާކުރާ ގޮތަށް ބޭހާ ބެހޭ އައު ޤަވާއިދެއް އެކުލަވާލައި، އެ ޤަވާއިދަށް ޢަމަލުކުރަން ނިންމައިފިއެވެ.
އަންނަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާ މި ޤަވާއިދުގެ މަގުސަދަކީ ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމުގެ އިތުރުން ބޭސް ވިއްކުމުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓުމެވެ. މި ބަދަލާއެކު، އެމްއެފްޑީއޭއިން ބޭހުގެ ގޮތުގައި ގިންތިކޮށްފައިވާ އެއްވެސް ބާވަތެއް، އެ އޮތޯރިޓީގެ ހުއްދަ ނެތި އާންމު ފިހާރަތަކުގައި ބަހައްޓައިގެން ވިއްކުމަކީ މަނާކަމެކެވެ.
މީގެ ކުރިން އާންމު ފިހާރަތަކުގައި ހުމާއި ރޯގާ ފަދަ އާންމު ބަލިތަކަށް ބޭނުންކުރާ ބޭސްތައް ޕްރިސްކްރިޕްޝަނަކާ ނުލައި ވިއްކަމުން ދިޔަ ނަމަވެސް، އައު ޤަވާއިދުގެ ދަށުން އެކަން މިވަނީ ހުއްދައެއް ނެތި ނުކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. ނަމަވެސް، ޑޮކްޓަރުގެ ލިޔުމެއް ނެތި ދޫކުރާ ބައެއް ބޭސްތައް ، ހާލަތަށް ބަލައި އެމްއެފްޑީއޭގެ ޚާއްޞަ ހުއްދައެއް ނަގައިގެން އާންމު ފިހާރަތަކުގައި ވިއްކުމުގެ ފުރުޞަތު މި ޤަވާއިދުން މަނައެއް ނުކުރެއެވެ.
ބޭސް ވިއްކުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ބޭސް ވިއްކަން ހުންނަ ފާމަސިސްޓަކީ އެމްއެފްޑީއޭއިން ދޫކުރާ "ފާމަސިސްޓު ކާޑު" އޮންނަ މީހަކަށް ވާންޖެހެއެވެ. ބިދޭސީ ފާމަސިސްޓުން މަސައްކަތްކުރާނަމަ، އެމީހުންނަކީ ދިވެހިބަސް ދަންނަ ބައެއްކަމުގެ ލިޔުން އޮންނަންވާނެއެވެ. އެފަދަ ލިޔުމެއް ނެތްނަމަ، ބަސް ތަރުޖަމާކޮށްދެވޭނެ ދިވެއްސަކު އެ ފިހާރައެއްގައި ހުރުން ލާޒިމްކޮށްފައިވެއެވެ.
އިންޓަނެޓް ނުވަތަ އޮންލައިންކޮށް ބޭސް ވިއްކުމާ ގުޅޭގޮތުން ޤަވާއިދުގައި ބުނެފައިވަނީ، އެ ޚިދުމަތް ދެވޭނީ އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށް ހުއްދަ ހޯދައިގެން ކަމަށެވެ. އަދި އޮންލައިންކޮށް ވިއްކޭނީ ހަމައެކަނި ރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ އޮތް، ޑޮކްޓަރުގެ ބޭސް ސިޓީއަކާ ނުލައި ވިއްކޭ ބޭސްތައް އެކަންޏެވެ.
މި ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިދީފައިވެއެވެ. އެގޮތުން، ޤަވާއިދާ ޚިލާފުވާ މިންވަރަށް ބަލައި 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ އޮތޯރިޓީން ބަޔާންކުރެއެވެ.