ޚަބަރު
ބިލެތްފަހީގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ ބޮޑު ބައެއް ނިމިއްޖެ
ބިލެތްފަހީގައި އިމާރާތްކުރާ ކައުންސިލް އިދާރާ---
ށ. ބިލެތްފަހީގައި އަލަށް އިމާރާތްކުރާ ކައުންސިލް އޮފީހުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު މި އިމާރާތުގެ 64 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި ވަގުތު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ފުރާޅު އެޅުމުގެ މަސައްކަތާއި، ފެންވައިރުކުރުމުގެ މަސައްކަތުގެ އިތުރުން އިންފާރު ރޭނުމުގެ މަސައްކަތްތަކެވެ.
މި އިމާރާތުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސްގެ އެ ދަތުރުފުޅަކީ ބިލެތްފަހީގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއްގެ ބިންގާ އެޅިގެންދިޔަ ދަތުރުފުޅެކެވެ. އެގޮތުން ބިލެތްފަހީގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއި، އެ ރަށު ފިޓްނަސް އެންޑް ރެކްރިއޭޝަން އިމާރާތުގެ ބިންގާވެސް ވަނީ އެ ދަތުރުފުޅުގައި އަޅުއްވާފައެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅުގައި ބިލެތްފަހީ އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފައްޓަވައިދެއްވާފައެވެ.
ބިލެތްފަހީގައި މިހާރުވެސް ތަރައްޤީގެ މަސައްކަތްތަކެއް ދަނީ ހިނގަމުންނެވެ. އެގޮތުން އެ ރަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ބޭރުތޮށީގައި ހިލަ ޖެހުމުގެ މަސައްކަތް ކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތުދެއެވެ.
ސަރުކާރުން ބިލެތްފަހީގައި ކުރިއަށްގެންދާ މި މަޝްރޫޢުތަކުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާވެ، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.