ވިޔަފާރި / ޚަބަރު
ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް
ކުޑަކުދިން ކުޅެން ވީއައިއޭގައި ހެދި އައު ޖާގަ ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީ.އައި.އޭ) ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ފެންވަރު މަތިކުރުމުގެ ގޮތުން ޓާމިނަލް 1 ގައި އަރާމުކުރާނެ އާ ސަރަހައްދެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން މިއަދު ހުޅުވައިފިއެވެ.
މިއަދު ހުޅުވުނު މި އާ ސަރަހައްދަކީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލުއިފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމަށް އެމް.އޭ.ސީ.އެލް އިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން މުހިންމު ބައެކެވެ. ޓާމިނަލްގެ ފުރަތަމަ ބުރީގައި ތަރައްގީކޮށްފައިވާ މި ސަރަހައްދުގެ ސަބަބުން، ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ އާ ޖާގައެއް ވަނީ އިތުރުވެފައެވެ. މިތަނުގައި ފުރުމުގެ ކުރިން ދަތުރުވެރިންނަށް އަރާމުކޮށްލުމަށްޓަކައި ތަފާތު ވައްތަރުގެ ފަސޭހަ ގޮނޑިތައް ވަނީ އަތުރާފައެވެ.

މި އައު ސަރަހައްދުގެ އެންމެ ހާއްސަ އެއް ބަޔަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ތަރައްގީކޮށްފައިވާ 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެވެ. މިތަނުގައި އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހިމެނެއެވެ. މިއީ ޓާމިނަލް 1 އިން ދަތުރުކުރާ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު ސަރަހައްދެކެވެ.
ދަތުރުވެރިންނަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަ ކައުންޓަރެއް ވެސް މި ޖާގައިގައި ވަނީ ގާއިމުކޮށްފައެވެ. މި ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމާއި، ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

އެމް.އޭ.ސީ.އެލް އިން ހާމަކުރި ގޮތުގައި، މި އާ ޖާގަ ހުޅުވުމަކީ ޓާމިނަލް 1 ގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ، ހުރިހާ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރާއި އެމް.އޭ.ސީ.އެލް އިން ދޭ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.