ޚަބަރު
މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި ބާއްވަނީ
މިނިވަންދުވަހުގެ އަސްކަރީ ހިނގާލުން ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބާއްވާ އަސްކަރީ ހިނގާލުމާއި ބޭންޑް ޑިސްޕްލޭ މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މާދަމާ ހަވީރު 16:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފްގެ ބޭންޑާއެކު ޖުމްލަ ހަ ގެމައެއް ބައިވެރިވާނެއެވެ. މި ހަރަކާތަކީ ސިފައިންގެ ގައުމީ ޚިދުމަތާއި، އެމްއެންޑީއެފްގެ އެކި ކޯރތަކާއި ތަފާތު ދާއިރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އާންމު ރައްޔިތުންނަށް ދައްކާލުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
ހުޅުމާލޭގައި ކުރިއަށް ގެންދާ މި މަގުމަތީ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. މި ހިނގާލުމުގެ ތެރެއިން ދެ ސަރަހައްދަކަށް މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގުތައް ކުޅެދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ސަރަހައްދުތަކަކީ:
- ސެންޓްރަލް ޕާކް ސަރަހައްދު (ހިތިގަސްމަގާއި ހުވަނދުމާހިނގުން ގުޅޭ ކަންމަތި)
- ސިފްކޯ ފުލެޓްތައް ކުރިމަތި (ހައިވަކަރުމަގާއި ކުދިމާހިނގުން ގުޅޭ ކަންމަތި)