ދުނިޔެ
ސައުދީގެ ޖީޒާން ތެޔޮ ސާފުކުރާ ކާރުޚާނާ ބަންދުކޮށްފި
ސައުދީގެ ޖީޒާން ތެޔޮ ސާފުކުރާ ކާރުޚާނާ
ސައުދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި، ސައުދީ އަރަމްކޯއިން ހިންގާ ޖީޒާން ތެޔޮ ސާފުކުރާ ކާރުޚާނާއަށް ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން، އެތަނުގެ މަސައްކަތްތައް މެދުކަނޑާލައި ބަންދުކޮށްފިއެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދުވާލަކު 400،000 ފީފާގެ ތެޔޮ ސާފުކުރުމުގެ ގާބިލުކަން ލިބިފައިވާ މި ރިފައިނަރީ ބަންދުކުރަން ޖެހުނީ މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާތަކާ ގުޅިގެން ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.
މި ހަމަލާއާ ގުޅޭގޮތުން އައި.އާރް ކޮންސަލްޓެންސީން ނެރުނު މެމޯއެއްގައި ބުނެފައިވަނީ، ހޫތީންގެ މި ހަމަލާގައި އެ ކާރުޚާނާގެ އިންޓަގްރޭޓެޑް ކޮމްޕޮސިޓް ގޭސިފިކޭޝަން ސައިކަލް ކޮމްޕްލެކްސްއަށާއި ތެޔޮ ރައްކާކުރާ ޓޭންކްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ލިބުނު ގެއްލުންތައް މަރާމާތުކުރުމަށްފަހު، އޮގަސްޓް މަހުގެ 15 ހިސާބުގައި އަލުން ރިފައިނަރީ ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ހޮނިހިރު ދުވަހު ވިދާޅުވީ، ޖީޒާން އަދި ޔަންބޫގައި ހުރި ސައުދީ އަރަމްކޯގެ މުހިންމު މަރުކަޒުތަކަށް ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ފުޅާވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމުގެ ހެއްކެކެވެ.