ވިޔަފާރި / ޚަބަރު
ސީ-ޓު-އެއާ ކާގޯ ޚިދުމަތް ކެމްބޯޑިއާއަށް ފުޅާކޮށްފި
ސީ-ޓު-އެއާ ކާގޯ ޚިދުމަތް ކެމްބޯޑިއާއަށް ފޮޓޯ: ވެލާނާ
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދެމުން އަންނަ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ފޮނުވައިދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއާއެކު ކެމްބޯޑިއާ ވެފައިވަނީ މި ޚިދުމަތުގެ ތެރެއިން ރާއްޖެއަށް މުދާ ގެންނަން ފެށި 4 ވަނަ ޤައުމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، ކެމްބޯޑިއާއިން ރާއްޖެ ގެނައި ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ވައިގެ މަގުން މަންޒިލަށް ފޮނުވާލާފައެވެ. ސީއީއެފް ލޮޖިސްޓިކްސް މެދުވެރިކޮށް ގެނައި މި މުދާ ފޮނުވާލާފައިވަނީ ޤަތަރު އެއަރވޭސްގެ ބޯޓެއްގައެވެ.
ކެމްބޯޑިއާއިން ރާއްޖެއަށް މުދާ ގެނެސް، ރާއްޖެއިން ވިލާތުގެ އެކި މަންޒިލްތަކަށް ވައިގެ މަގުން މި މުދާ އުފުލުމަކީ އޭޝިއާ ބައްރާއި ވިލާތް ގުޅުވާލުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ހާސިލްވި މުހިންމު ކުރިއެރުމެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ.
މި ޚިދުމަތުގެ ދަށުން މިހާރު މުދާ ގެންނަ މަންޒިލްތަކަކީ:
- އިންޑިއާ
- ސްރީލަންކާ
- ބަންގްލަދޭޝް
- ކެމްބޯޑިއާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން 2024 ވަނަ އަހަރުގެ މޭމަހު ފެށި މި ޚިދުމަތަށް އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ. އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ މަހު އެކަނިވެސް މި ޚިދުމަތް މެދުވެރިކޮށް 335 ޓަނުގެ މުދާ ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.
Velana International Airport has successfully handled its first-ever Sea-to-Air transshipment cargo from Cambodia, marking the expansion of MLE’s Sea-to-Air connectivity into Southeast Asia.
— Velana Airport (@VelanaAirport) July 28, 2026
In collaboration with @qatarairways coordinated by CEF Logistics , this milestone… pic.twitter.com/FDo8r4CqSw
ސީ-ޓު-އެއާ ކާގޯގެ ޚިދުމަތަކީ ދުނިޔޭގެ އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގައި ވަރަށް ފުޅާކޮށް ދެމުން އަންނަ، އަދި އެ ގައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބޭ ޚިދުމަތެކެވެ. ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކެއް ދަތުރުކުރާ މަންޒިލަކަށް ވުމާއެކު، މި ޚިދުމަތް އިތުރަށް ފުޅާކޮށް ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ބޮޑެތި ފުރުޞަތުތަކެއް އޮތްކަން ސަރުކާރުން ފާހަގަކުރެއެވެ.