ދުނިޔެ
އީރާނާއެކު ކުރާ ހަނގުރާމަ މެދުކަނޑާލުން: އެމެރިކާގެ ހަތިޔާރު ހުސްވަނީތަ؟
އެމެރިކާގެ މިސައިލް ތަކެއް ފޮޓޯ: އިންޓަނެޓް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ޕެންސިލްވޭނިއާގައި ބޭއްވި "ޑިފެންސް އެންޑް އިނޮވޭޝަން ސަމިޓް" އެއްގައި، އެމެރިކާގެ އެންމެ ބޮޑެތި ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ސީއީއޯއިންނާ ބައްދަލުކުރައްވައި، ހަތިޔާރު އުފައްދާ މިންވަރު އިތުރުކޮށް އަވަސްކުރުމަށް ގޮވާލައްވައިފިއެވެ.
ސެކްރެޓަރީ އޮފް ވޯ، ޕީޓް ހެގްސެތްއާއެކު ބޭއްވި މި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގައި ހުރީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހަތިޔާރު ކަމަށާއި، ނަމަވެސް މިހާރު ބޭނުންވަނީ އެ ތަކެތި އުފައްދާ ދުވެލި އަވަސްކުރުން ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު އީރާނާ ދެކޮޅަށް ހިންގި "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ 40 ދުވަހުގެ ވަރުގަދަ ހަނގުރާމައިގައި އެމެރިކާއިން ވަނީ އިންތިހާއަށް ގިނަ އަދަދަކަށް ހަތިޔާރު ބޭނުންކޮށްފައެވެ. ސަރުކާރުގެ ހިސާބުތަކުން ދައްކާގޮތުގައި މި ހަނގުރާމައަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ހޭދަވެފައިވާއިރު، މީގެ ބޮޑު ބަޔަކީ ހަތިޔާރަށް ކުރި ހޭދައެވެ. އެޕްރީލް 8 ގައި އިޢުލާންކުރި ވަގުތީ ސުލްހައާ ހަމައަށް އެމެރިކާއިން ވަނީ އީރާނުގެ 13,000 އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދީ، އީރާނުގެ 1,700 އަށްވުރެ ގިނަ ޑްރޯންއާއި މިސައިލް ވައްޓާލާފައެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން މިހާރު ހަމަލާތައް މެދުކަނޑާލާފައިވަނީ މަޝްވަރާތަކަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް، މީގެ އަސްލު ސަބަބަކީ އެމެރިކާގެ ހަތިޔާރުގެ ރައްކާކުރެވިފައިވާ މިންވަރު (ސްޓޮކް) ވަރަށް ބޮޑަށް މަދުވެފައިވުމުން، ހަނގުރާމަ އިތުރަށް ކުރިއަށްގެންގޮސްފިނަމަ ހަތިޔާރު ހުސްވެދާނެތީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ޓްރަމްޕް މި ވާހަކަތައް ދޮގުކުރެއްވި ނަމަވެސް، ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތް ވަނީ ހަތިޔާރުގެ ދަތިކަން ހައްލުކުރުމަށް 87 ބިލިއަން ޑޮލަރު ބޭނުންވާކަމަށް ސެނެޓުގައި ވިދާޅުވެފައެވެ. ސެންޓަރ ފޯރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް އިން ހާމަކުރާ ގޮތުގައި، ހަނގުރާމައިގައި ބޭނުންކުރި ޓޮމަހޯކް މިސައިލާއި ޕޭޓްރިއަޓް މިސައިލް ފަދަ ތަކެތި އަލުން އުފައްދައި ކާރުހާނާ ފުރާލުމަށް 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެއެވެ.
މި ދަތިކަމުގެ ސަބަބުން، ޕެސިފިކް ސަރަހައްދުގައި ޗައިނާއިން ތައިވާނަށް އަރައިގަނެފާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި، އެމެރިކާގެ ދިފާއީ ބާރު ބަލިކަށިވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ޗައިނާއިން ދަނީ އީރާނު ހަނގުރާމައިގައި އެމެރިކާގެ ދިފާއީ ނިޒާމުތައް މަސައްކަތްކުރި ގޮތް ވަރަށް ގާތުން ދިރާސާކުރަމުންނެވެ.