Ads by Farudhun

ޚަބަރު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރަން އިސްލާހެއް ހުށަހަޅައިފި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރަން އިސްލާހެއް ހުށަހަޅައިފި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ / ފޮޓޯ: ގާފު

farudhun logo

ފަރުދުން

29 ޖުލައި 2026، 12:20

29 ޖުލައި 2026، 12:20

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، އެ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރުމަށްޓަކައި ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް" އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދެވެ.

ސަރުކާރުގެ ފަރާތުން މި ގާނޫނަށް ޖުމްލަ 11 އިސްލާހެއް ވަނީ ހުށަހަޅުއްވާފައެވެ. މި އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ބޯޑުގެ އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އޮތްގޮތުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. އަދި މި ފަސް މެންބަރުންނަކީވެސް ގާނޫނުގައި ކަނޑައަޅާފައިވާ ވަކި ދާއިރާތަކަކުން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށް ވާންޖެހެއެވެ. ނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގައި ވަނީ ބޯޑު މެންބަރުންގެ އަދަދު ޗީފް އެގްޒެކެޓިވްއާއެކު 7 މެންބަރުންނަށް އިތުރުކުރުމަށެވެ. މީގެ ތެރެއިން ޗީފް އެގްޒެކެޓިވް ފިޔަވައި އެހެން ހުރިހާ މެންބަރުންނަކީ ކަނޑައަޅާފައިވާ ދާއިރާތަކުން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށް ވާންޖެހޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މެންބަރުން އައްޔަންކުރުމުގެ މުއްދަތަށް ބަލާއިރު، މިހާރު ގާނޫނުގައި އޮންނަނީ މެންބަރުން އައްޔަންކުރެވޭނީ 5 އަހަރު ދުވަހުގެ އެއް ދައުރަށް ކަމަށެވެ. އެހެންނަމަވެސް، އާ އިސްލާހުގައި ޗީފް އެގްޒެކެޓިވް ފިޔަވައި އެހެން މެންބަރުން އެއް ދައުރަށްވުރެ ގިނަ ދައުރަށް އައްޔަން ކުރެވޭނެ ކަމަށް ވަނީ ހިމަނާފައެވެ. މިގޮތަށް އައްޔަން ކުރެވޭނީ ބޯޑުން ވަކިކުރާ މެންބަރުން ނޫން އެހެން މެންބަރުންނެވެ.

މީގެ އިތުރުން، ބޯޑުގެ ޖަލްސާތަކުގެ ކޯރަމް ހަމަވާނެ ގޮތާއި، ބޯޑުގެ ނިންމުންތަކުގައި ޗީފް އެގްޒެކެޓިވްއަށް ވޯޓުލުމުގެ ހައްގު ލިބިގެން ނުވާކަންވެސް މި އިސްލާހުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު، މިހާރު ބޯޑުގައި ތިއްބެވި މެންބަރުންގެ އިތުރަށް ބޯޑަށް އައްޔަންކުރަންޖެހޭ މެންބަރުން 30 ދުވަހުގެ ތެރޭގައި އައްޔަންކުރަންވާނެ ކަމަށްވެސް މި އިސްލާހުގައި ކަނޑައަޅާފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450