ޚަބަރު
އުދައަރާފާނެ ކަމަށް ލަފާކޮށް މިއަދު ވެސް މުޅި ރާއްޖެއަށް ހުދު ސަމާލު
މޫސުން ގޯސް ދުވަހެއް. ފޮޓޯ: އިންޓަނެޓް
މިއަދު ވެސް މޫސުން ގޯސްވެ އުދައަރާފާނެ ކަމަށް ލަފާކޮށް، ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލުނެރެފައި ވަނީ، މިއަދުގެ 11:30 އިން 15:30 ގެ ނިޔަލަށެވެ. މެޓް އޮފީހުން ގެންދަނީ މިދުވަސްވަރު ރާއްޖޭގެ ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކޮށް ސަމާލު ނެރެމުންނެވެ.
މިއަދުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، އެ އިދާރާއިން ވަނީ، އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ. އަދި ދެކުނުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރަފާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
Swell wave surges expected. pic.twitter.com/bIfHzqQaTM
— Maldives Meteorology (@MetMaldives) July 29, 2026
ވައި ހުރިގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ނަމަވެސް، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.
އުދައެރުމުގެ ސަބަބުން މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.