ޚަބަރު
ބެލްޖިއަމް އަދި އީޔޫގެ ސަފީރަކަށް ދިޔާނާ ސަޢީދު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި
އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު---
ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް، އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ދިޔާނާ ސަޢީދު މި މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވީ މި ހިނގާ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށެވެ. މި މައްސަލަ ދިރާސާކުރި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ދިޔާނާއަކީ އެ މަޤާމަށް ޤާބިލު، އަދި ޝަރުޜުހަމަވާ ބޭފުޅެއް ކަމަށް ނިންމަވައި، އެ މަޤާމަށް އޭނާ އައްޔަންކުރުމަށް ފެންނަ ކަމަށް އިއްތިފާޤުން ފާސްކޮށްފައެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި، ދިޔާނާ ސަޢީދަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.
ދިޔާނާ ސަޢީދަކީ މީގެ ކުރިން ދައުލަތުގެ މަތީ މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ރާއްޖޭގެ ބަންޑާރަނައިބު ކަމުގެ މަޤާމާއި، ޖެންޑަރ މިނިސްޓަރު ކަމުގެ މަޤާމު އަދާކުރައްވާފައެވެ. ސަފީރުގެ މަޤާމަށް އޭނާގެ ނަން ހުށަހެޅުމުގެ ކުރިން، މިދިޔަ އޭޕްރިލް މަހުން ފެށިގެން ދިޔާނާ ހުންނެވީ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު، ބަހުރެއިނަށް ރާއްޖޭން ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަންކުރުމަށްވެސް ރުހުން ދީފައެވެ. ސަރީރަށް ރުހުން ދިނުމަށް ފާސްވީ 53 މެންބަރުންގެ އިއްތިފާޤުންނެވެ.
މި ނިންމުންތަކާއެކު، ރާއްޖޭގެ ޚާރިޖީ ދާއިރާ އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ތަމްސީލުކުރުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.