ދުނިޔެ / ވިޔަފާރި
ތެލުގެ އަގު 3 އިންސައްތައަށް އުފުލިއްޖެ
ތެޔޮ ރައްކާކުރާ އޮއިލް ރިގެއް
މެދުއިރުމަތީގައި އިޒްރޭލާއި އީރާނާ ދެމެދު އޮތް ހަމަނުޖެހުންތަކާއި، ހަނގުރާމައިގެ ނޭދެވޭ އަސަރު މާކެޓްތަކަށް ފޯރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު 3 އިންސައްތައަށް އުފުލިއްޖެއެވެ.
މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ދާއިމީ ސުލްހައެއް ގާއިމުނުވެ އޮތުމަކީ އިންވެސްޓަރުންގެ ކަންބޮޑުވުން އިތުރުވަމުންދާ ކަމެކެވެ. މި ނުތަނަވަސްކަމުގެ ތެރޭގައި ރޭގެ ވަގުތެއްގައި މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކަށް ދެވުނު ހަމަލާތަކާ ގުޅިގެން، ބްރެންޓް ކްރޫޑްގެ އަގު ވަނީ 3.29 އިންސައްތަ މައްޗަށް ގޮސްފައެވެ. މިއާއެކު ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 86.86 އެމެރިކާ ޑޮލަރުގައެވެ.
މާލީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި މާކެޓަށް އަންނަ މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކަންތައްތައް ވާނެ ގޮތް އަންދާޒާ ކުރަން ވަނީ ދަތިވެފައެވެ. "ޖީ.އެމް.އޯ" ގެ ރޭޓްސް ސްޓްރެޓެޖިސްޓް އެޑްވަރޑް އެކްޓަން ވިދާޅުވި ގޮތުގައި، މާކެޓަށް އަންނަ މި އަވަސް ބަދަލުތަކުގެ ސަބަބުން އަސްލު ހާލަތު ދެނެގަތުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ބޭންކް އޮފް އެމެރިކާ ސެކިއުރިޓީޒްގެ އިސްތިރާޖީ މާހިރުން ވިދާޅުވާ ގޮތުގައި، ތެލުގެ އަގަށް އަންނަ މި ލޮޅުންތަކުގެ ސަބަބުން ދުނިޔޭގެ އިންފްލޭޝަނަށް ނުވަތަ ތަކެތީގެ އަގު އުފުލުމަށް ބާރުލިބޭނެއެވެ. ސަބަބަކީ ތެލުގެ އަގު އުފުލުމާއެކު ބައެއް ތަކެތީގެ އަގުތައް މައްޗަށް ދިޔަ ނަމަވެސް، ތެލުގެ އަގު ދަށްވާއިރު އެ ތަކެތީގެ އަގުތައް އަނބުރާ ތިރި ނުކުރާތީއެެވެ.
މިދިޔަ ތިން ދުވަހު ތެލުގެ އަގު ދަށްވަމުން ދިޔަ ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމާއެކު އަގުތައް މިވަނީ އަނެއްކާވެސް މައްޗަށް ދާން ފަށާފައެވެ.