Ads by Farudhun

ޚަބަރު

ޖަޕާނަށް އައި ބިންހެލުމުގައި ގިނަބަޔަކު ނިޔާވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ޖަޕާނަށް އައި ބިންހެލުމުގައި ގިނަބަޔަކު ނިޔާވުމާއި ގުޅިގެން ރައީސް  ތަޢުޒިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 ޖުލައި 2026، 03:00

29 ޖުލައި 2026، 03:00

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން،  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ބޮޑުވަޒީރަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ވަނީ، ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗާ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި މުދަލަށާއި މުހިންމު ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު، ހަރ އެކްސެލެންސީ ތަކައިޗީ ސަނާއޭއަށް ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ،  މި ހާދިސާއާ ގުޅިގެން  ވަރަށް ބޮޑަށް ހިތާމަކުރައްވާކަން ފާހަގަކުރައްވާ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށް އަދި އެ ގައުމުގެ ރައްޔިތުންނަށް ހަމްދަރުދީއާއި ތަޢުޒިޔާ ރައްދުކުރައްވާފައެވެ. 

މި ހާދިސާގައި  ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހާދިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކާއެކު ސާބިތުކަމާއެކު ހުންނެވިކަން ހާމަކުރައްވާފައެވެ. އަދި މި ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަނެ، އެ ގައުމު އަލުން އާރާސްތުކުރުމަށް ކުރާ މުހިންމު މަސައްކަތްތަކުގައި ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާ ޖަޕާނުގެ ރައްޔިތުންނާއެކު ވާކަމަށް ރައީސް ވިދާޅުވިއެވެ.

ތަޢުޒިޔާގެ މެސެޖް ނިންމަވާލައްވަމުން ރައީސް ވަނީ، ޖަޕާނުގެ ރައްޔިތުންނަށް ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އެދިވަޑައިގެން ހެޔޮ ދުޢާކުރައްވާފައެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި  އެ ގައުމު  އާންމު ހާލަތަށް ރުޖޫއަވުމަށް އެދިވަޑައިގަންނަވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ.  ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގެ މި ބިންހެލުމާއި ގުޅިގެން ގިނަ ބަޔަކު  ވަނީ  އިމާރާތްތަކުގެ ދަށުވެފައެވެ. މި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެ ގައުމުގެ ސިފައިންނާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

މި ބިންހެލުމުގެ ސަބަބުން، އެ ގައުމުގެ އެތައް ގެއަކުން ކަރަންޓުކެނޑިފައިވާއިރު، ޖަޕާނުގެ މުވާސަލާތީ ޚިދުމަތްތަކަށް ވެސް ވަނީ  ބުރޫ އަރާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450