ކުޅިވަރު / ދުނިޔެ

ފީފާގެ ހުށަހެޅުމަށް ތާއީދުކުރާ ގައުމުތަކަށް 40 މިލިއަން ޑޮލަރު ދެނީ

ފީފާގެ ހުށަހެޅުމަށް ތާއީދުކުރާ ގައުމުތަކަށް 40 މިލިއަން ޑޮލަރު ދެނީ

ފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖުލައި 2026، 05:40

29 ޖުލައި 2026، 05:40

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެ އިދާރާގެ މައި މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ހުށަހަޅުއްވައި، އެކަމަށް ތާއީދުކުރާ ކޮންމެ މެންބަރު އެސޯސިއޭޝަނަކަށް 40 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 616 މިލިއަން ރުފިޔާ) ދޭނެ ކަމަށް ވިދާޅުވެއްޖެއެވެ.

ފީފާގެ 211 މެންބަރު އެސޯސިއޭޝަނަށް އިންފަންޓީނޯ ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުން، އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން މި ހުށަހެޅުމަށް އެއްބަސްވާ ގައުމުތަކަށް، ޖެނުއަރީ 1، 2027 އިން ފެށިގެން ފުރަތަމަ ފިޔަވަހީގައި 20 މިލިއަން ޑޮލަރު ލިބޭނެއެވެ. އަދި ބާކީ 20 މިލިއަން ޑޮލަރު އޭގެ ފަހުން ދޫކުރާނެ ކަމަށް އިންފަންޓީނޯ ވަނީ ވައުދުވެވަޑައިގެންފައެވެ.

މި ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ 'ފީފާ ފޯވާޑް އެންޓަޕްރައިޒް' ގެ ނަމުގައި ވިޔަފާރި ކުންފުންޏެއް އުފައްދައި، ފިރިހެން އަދި އަންހެން ވޯލްޑް ކަޕާއި ކްލަބް ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް އެ ކުންފުނީގެ ދަށުން ހިންގުމެވެ. މި ކުންފުނީގެ ކުޑަ ހިއްސާއެއް ބޭރުގެ އިންވެސްޓަރުންނަށް ވިއްކައިގެން، ދުނިޔޭގެ ފުޓްބޯޅަ ކުރިއެރުވުމަށް 10 ބިލިއަން ޑޮލަރު ހޯދޭނެ ކަމަށް ފީފާގެ ރައީސް ގަބޫލުފުޅު ކުރައްވައެވެ.

ނަމަވެސް، މި ހުށަހެޅުމާ ގުޅިގެން ފުޓްބޯޅައިގެ ބޮޑެތި ބައެއް އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ) އިން ބުނި ގޮތުގައި މިފަދަ ބޮޑު ނިންމުމެއް ނިންމިއިރު އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެއެވެ. އަދި މިކަމުގައި ދެފުށް ފެންނަ އުސޫލުތަކެއް ނެތުމާއި، އަމިއްލަ އިންވެސްޓަރުންގެ ނުފޫޒު ފުޓްބޯޅައިގެ އެންމެ ބޮޑެތި މުބާރާތްތަކަށް ފޯރާފާނެތީ އެފްއޭ އިން ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން، ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާގެ 55 މެންބަރު ގައުމުތަކުން މި ހަފުތާގެ ފަހުކޮޅު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އޭޝިއާ އަދި އުތުރު އެމެރިކާގެ ބައެއް ފުޓްބޯޅަ އިދާރާތަކުން ވެސް ބުނަމުންދަނީ، މިއީ ފުޓްބޯޅައިގެ މުސްތަގުބަލާއި އޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ނުރައްކާތެރި ފިޔަވަޅެއް ކަމަށެވެ.

މި ހުށަހެޅުމާ ގުޅޭގޮތުން އިންފަންޓީނޯ ވިދާޅުވީ، ފުޓްބޯޅައިގެ ކުރިމަގަށްޓަކައި މިފަދަ ފުރުސަތުތައް ހޯދައިދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށާއި، މިކަމުގެ ހުރިހާ ތަފްސީލެއް މެންބަރު ގައުމުތަކާ ހިއްސާކުރައްވާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450