ވިޔަފާރި / ޚަބަރު
ސަފާރީ އުޅަނދުތަކަށް ހާއްސަ ލޯނު ފެސިލިޓީއެއް ބީއެމްއެލްއިން ތަޢާރަފްކޮށްފި
ރާއްޖޭގެ ސަފާރީއެއް ފޮޓޯ:މޯލްޑީވްސް ސަފާރީ
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ސަފާރީ އުޅަނދުފަހަރު ނުވަތަ ލިވްއެބޯޑް ދާއިރާއަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ލިވްއެބޯޑް ފައިނޭންސް" ނަމުގައި ހާއްސަ ލޯނު ފެސިލިޓީއެއް ތައާރަފުކޮށްފިއެވެ.
މި ފެސިލިޓީއަކީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، އަލަށް ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ފެސިލިޓީއެކެވެ. މީގެ އިތުރުން އުޅަނދަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށްވެސް މި ލޯނު ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
ބީއެމްއެލްއިން ވިދާޅުވި ގޮތުގައި، މި ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށްވާ އަހަރަކު 9.5 އިންސައްތައިގައި ދޫކުރާ ފެސިލިޓީއެކެވެ. މި ލޯނުގެ އެންމެ ބޮޑު އެއް ލުޔަކީ ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދު ކަމަށްވެފައި، އިތުރު އެއްވެސް ރަހުނެއް ބޭނުން ނުވުމެވެ.
މި ފެސިލިޓީގެ ދަށުން ފައިސާ އަނބުރާ ދެއްކުމަށް ހަތް އަހަރާ ހަމައަށް މުއްދަތު ލިބޭއިރު، ފައިސާ ދެއްކުން ހަމަޖައްސާފައިވަނީ މި ދާއިރާގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ރިއާޔަތްކޮށްގެންނެވެ. މީގެ ސަބަބުން އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ފުރުސަތު އޮޕަރޭޓަރުންނަށް ލިބިގެންދާނެއެވެ. މި ފައިނޭންސަށް ފައިސާ އަނބުރާ ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުންނެވެ.
މި ޚިދުމަތާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ލިވްއެބޯޑް ދާއިރާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ތަނބެއް ކަމަށެވެ.
މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވަނީ އެ ވިޔަފާރި ހިނގަމުން އަންނަ ގޮތް ރަނގަޅަށް ދަންނަ މާލީ އެހީތެރިއެއް. 'ލިވްއެބޯޑް ފައިނޭންސް' އަކީ މި ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ޚަރަދުތައް ހިނގާ ގޮތަށް ބަލައި، ހާއްސަކޮށް ފަރުމާކޮށްފައިވާ ޚިދުމަތެއް،
ޝަރީފް
މި ފެސިލިޓީގެ ސަބަބުން މިހާރު މިދާއިރާގައި ތިއްބެވި ތަޖުރިބާކާރު އޮޕަރޭޓަރުންނަށް ފްލީޓް ފުޅާކުރުމަށާއި އުޅަނދުތައް ޒަމާނީ ކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ރައުސްމާލު ހޯދުމަށްވެސް މިއީ ރަނގަޅު ފުރުސަތެއް ކަމަށް ބޭންކުން ދެކެއެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ދާއިރާތަކަށް، ހާއްސަކޮށް ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ޒަމާނުއްސުރެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މާލީ އިދާރާއެކެވެ. މި އައު ފެސިލިޓީއަކީ ދިވެހި އިޤްތިޞާދުގެ މުހިންމު ސިނާއަތްތައް ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.